logo

އިންޓަނޭޝަލް އެޓޮމިކް އެނާޖީ އެޖެންސީގައި ބައިވެރިވާން ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 23 އޮކްޓޯބަރު 2024 - 13:10

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

އިންޓަނޭޝަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި. އޭ.އީ. އޭ) ގައި ދިވެހި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްކާތެރިކަމާއި ސުލްހަވެރިކަމާ އެކު ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކުރުން ކުރިއެރުވުމުގެ މަގްސަދުގައި ގާއިމުކޮށްފައިވާ މި ޖަމިއްޔާގައި ބައިވެރިވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓާ އެކުއެވެ.

1957 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާގައި 178 ގައުމަކުން ބައިވެރިވެއެވެ. އެ ޖަމިއްޔާގެ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، މެމްބަރު ގައުމުތަކަށް އެހީވެދީ، އެ ގައުމުތަކުގެ މެދުގައި ސައިންޓިފިކް އަދި ޓެކްނިކަލް މައުލޫމާތު ބަދަލު ކުރެވެއެވެ.

މި ޖަމިއްޔާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބުނެފައިވަނީ ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކުގެ ފުރިހަމަ ފައިސާއާއި މަންފާ ހާއްސަކޮށް ސިއްހީ ދާއިރާގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން ވެސް އައި.އޭ.އީ.އޭގައި ބައިވެރިވުމުން ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިންއާއި ގުޅޭ ޕޮލިސޯއާއި ގައިޑްލައިންތައް ތައްޔާރުކުރުމުގައި ވެސް އެހީތެރިކަން ލިބޭނެކަން ފާހަގަކޮށްފައި ވެއެވެ.

https://wamco.com.mv/
tel:+9607331319