logo

ޖޭމީ ލިން ސްޕިއަރސް ހޮލީވުޑާ ދުރަށް ދިޔަ އަސްލު ސަބަބު ހާމަކޮށްފި

profile

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 10:56

އެމެރިކާގެ މަޝްހޫރު ފަންނާނު ޖޭމީ ލިން ސްޕިއާސް، އޭނާގެ ފަންނީ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ހޮލީވުޑާ ދުރަށްދާން ނިންމި ސަބަބުތައް ތަފްސީލުކޮށް ހާމަކޮށްފިއެވެ.

https://wamco.com.mv/

ނިކޮލޯޑިއަންގެ މަގުބޫލު ޝޯ "ޒޯއީ 101" އިން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ސްޕިއާސް ބުނިގޮތުގައި، ފުރާވަރު އުމުރުގައި އާންމުންގެ ސަމާލުކަމުގެ މަރުކަޒެއްގައި އުޅެންޖެހުމަކީ ނުހަނު ގޮންޖެހުން ބޮޑުވި ކަމެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން އޭނާ ފެނިލުން މަދުވީ، އަމިއްލަ ދިރިއުޅުމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

އުމުރުން އެންމެ 16 އަހަރުގައި، 2007 ވަނަ އަހަރު ބަނޑުބޮޑުވުމާ ގުޅިގެން ސްޕިއާސްގެ ދިރިއުޅުން ބަދަލުވެ، އެ ޚަބަރު މުޅި ދުނިޔޭގެ ސަމާލުކަމަށް އައެވެ. އެ ދުވަސްވަރު މީޑިއާގެ ފާރަވެރިވުމާއި އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ސަބަބުތަކަށްޓަކައި، ލޮސް އެންޖެލިސްގެ ކުލަގަދަ ދިރިއުޅުން ދޫކޮށް މިސިސިޕީއަށް ބަދަލުވާން އޭނާ ނިންމީ، ކެމެރާތަކާއި މީޑިއާގެ އުނދަގުލެއް ނެތް އަމާން މާހައުލެއްގައި ދަރިފުޅު ބޮޑުކުރުމުގެ މަގްސަދުގައެވެ. މިއީ އޭނާގެ ދިރިއުޅުމުގައި ނިންމި އެންމެ އުނދަގޫ، ނަމަވެސް އެންމެ މުހިންމު ނިންމުން ކަމުގައި ސްޕިއާސް ވަނީ ސިފަކޮށްފައެވެ.

undefined

ސްޕިއާސް ހާމަކުރި ގޮތުގައި، އޭނާ މި ނިންމުން ނިންމީ އަމިއްލަ މިނިވަންކަމާއި ދިރިއުޅުމުގެ ހަމަޖެހުމަށް އިސްކަންދިނުމުގެ ގޮތުންނެވެ. އޭނާގެ އެންމެ ބޮޑު މަގުސަދަކީ އާއިލާއަށް އާދައިގެ އަމާން ދިރިއުޅުމެއް ހޯދައިދިނުމާއި، ކޮންމެ ފިޔަވަޅަކާ އެކު ކުރިމަތިވާ މީޑިއާގެ ނުފޫޒުން ދުރުވުމެވެ. މަންމައަކަށް ވުމަކީ ދިރިއުޅުމުގައި އިސްކަންދޭ ކަންކަން މުޅިން ބަދަލުވެގެންދިޔަ ކަމެއްކަން ފާހަގަކުރަމުން އޭނާ ބުނީ، މަޝްހޫރުކަމާއި ވަޒީފާގެ ކުރިއެރުމަށްވުރެ ދަރިފުޅުގެ މަސްލަހަތާއި ދުޅަހެޔޮކަން މާ މުހިންމު ކަމަށެވެ.

ގިނަ އަހަރުތަކެއް ވަންދެން އާންމުން ގަބޫލުކޮށްގެން ތިބީ "ޒޯއީ 101" ޝޯ މެދުކަނޑާލީ ސްޕިއާސް ބަނޑުބޮޑުވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެކަން ދޮގުކުރަމުން އޭނާ އަލުން ސާފުކޮށްދިނީ، ބަނޑުބޮޑުވި ޚަބަރު އާންމުވުމުގެ މާ ކުރިންވެސް އެ ޝޯގެ އުފެއްދުންތެރިކަމުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި މިކަމާ ގުޅޭގޮތުން ތަފާތު ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ޝޯ ހުއްޓާލުމަށް ނިންމި ނިންމުމާއި އޭނާގެ މާބަނޑުވުމާ އެއްވެސް ގުޅުމެއް ނެތްކަން ސްޕިއާސް ވަނީ ކަށަވަރުކޮށްދީފައެވެ.

ހޮލީވުޑާ ދުރުގައި ހޭދަކުރި މުއްދަތުގައި ސްޕިއާސް މައިގަނޑު ގޮތެއްގައި ސަމާލުކަން ދިނީ އާއިލީ ޒިންމާތަކަށެވެ. މުނިފޫހިފިލުވުމުގެ ސިނާއަތުގެ ފިއްތުންތަކާ ދުރުގައި، އޭނާ އިޚުތިޔާރުކުރީ ދަރިފުޅު ބަލައިބޮޑުކުރުމުގެ ހިމޭން ދިރިއުޅުމެކެވެ. ބައެއް ފަންނީ މަސައްކަތްތަކާއި މިއުޒިކް އުފެއްދުންތަކުން މަދުން ނަމަވެސް ފެނިލި ކަމުގައިވިޔަސް، ފުރާވަރުގެ ތަރިއެއްގެ ގޮތުގައި އުޅުނު ދުވަސްވަރާ އަޅާބަލާއިރު، އޭނާ ބޮޑަށް މަސައްކަތް ކުރީ އާންމުންގެ ސަމާލުކަމުން ދުރުގައި ހުރުމަށެވެ.

ފަހަކަށް އައިސް، ސްޕިއާސް ވަނީ މަޑުމަޑުން ޓީވީ ޕްރޮގްރާމްތަކާއި އާންމު ދިރިއުޅުމުގެ ތެރެއަށް އަލުން ނުކުމެފައެވެ. އެގޮތުން އެކި ރިއަލިޓީ ޝޯތަކާއި އިންޓަވިއުތަކުގައި ބައިވެރިވެ، އޭނާގެ ދިރިއުޅުމުގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ. ޚާއްޞަކޮށް، ވަރަށް ޅަ އުމުރެއްގައި މައެއްގެ ޒިންމާ އުފުލަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން، އާންމުންގެ ޝައުގުވެރިކަން އަލުން އިތުރުވެގެން ދިޔައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ގޮތުގައި މަޝްހޫރުކަން ހޯދާ ފަންނާނުންނަށް ކުރިމަތިވާ ނަފްސާނީ ފިއްތުންތަކާ މެދު މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ހުޅުވިގެންދިޔައެވެ.

ސްޕިއާސް ނިންމި ނިންމުންތަކަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވާއިރު، ދަތި ދަނޑިވަޅެއްގައި އާއިލާއާއި އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުން ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރިއެވެ. 2000 ގެ ފަހު އަހަރުތަކާ އަޅާބަލާއިރު، ޅަ އުމުރުގައި މަޝްހޫރުކަން ހޯދާ ފަރާތްތަކާއި ޅަ އުމުރުގައި މައިންނަށްވާ މީހުންނާ މެދު މިއަދު މުޖުތަމައު ދެކޭގޮތް ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މާޒީގައި އޭނާއަށް ކުރިމަތިވި އުނދަގޫ ހާލަތްތަކަށް މިއަދު ގިނަ ބަޔަކު ބަލަނީ ހަމްދަރުދީއާއި ތަފާތު ނަޒަރަކުންނެވެ.

މިއަދު ސްޕިއާސް ގަބޫލުކުރާ ގޮތުގައި، އޭރު ހޮލީވުޑާ ދުރަށް ދިއުމަށް އޭނާ ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. އެ ނިންމުމުގެ ސަބަބުން ދިރިއުޅުމުގެ އެންމެ މުހިންމު ކަންކަމަށް ސަމާލުކަން ދެވި، އާއިލާއަށް އުފާވެރި އަދި ދުޅަހެޔޮ މާހައުލެއް ބިނާކޮށްދެވުނު ކަމަށް އޭނާ ބުނެއެވެ. މިހާރުވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ ނަމަވެސް، މަސައްކަތުގެ ކާމިޔާބީއާއި އަމިއްލަ ދިރިއުޅުމުގެ އުފާވެރިކަމާ ދެމެދު ހަމަހަމަކަން ގާއިމުކުރުމުގެ މުހިންމުކަން އޭނާ މިއަދު ވަނީ ދަސްކޮށްފައެވެ.

ސްޕިއާސްގެ ހަޔާތަކީ، މަޝްހޫރުކަމުގެ ދުނިޔޭގައި އުޅޭއިރުވެސް، އަމިއްލަ ދިރިއުޅުމަށްޓަކައި ނިންމާ ހަރުދަނާ ނިންމުންތަކުގެ ސަބަބުން މީހެއްގެ މުސްތަގުބަލަށް އަންނާނެ ހެޔޮ ބަދަލުތައް ރަމްޒުކޮށްދޭ ނަމޫނާ މިސާލެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk