
މާފަންނު ހުޅަނގު ޑޯޓުޑޯގައި ރައީސް ބައިވެރިވެވަޑައިގެންފި

މުޙައްމަދު ފަޟްލޫން - 19 ފެބްރުއަރީ 2026 - 12:16
މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ ޑޯޓުޑޯގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރުގެ ޙައިސިއްޔަތުން މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ،
އަދި މަގުމަތިން ގިނަ ޢަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަންނު ހުޅަނގުގައި ޑޯޓުޑޯ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، މާފަންނުގެ ކެންޑިޑޭޓުން ތައާރަފްކުރުމަށް ހާއްސަ ޖަލްސާއެއް ރަސްފަންނު ސަރަހައްދުގައި މީގެ ކުރިން ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި މަޖިލިސް މެމްބަރުންނާއި މާފަންނަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ޕާޓީގެ މެމްބަރުން ބައިވެރިވެފައިވެއެވެ.






.gif&w=3840&q=75)