
ފަތުރުވެރިކަމުގެ ދާއިރާގެ ނަޒާހަތްތެރިކަމާ ގުޅޭ "ހައި-ލެވަލް ޕްރިންސިޕަލް" އޯއައިސީއަށް

އައިޝަތު އިބްރާހިމް - 28 މޭ 2025 - 13:53
ސައުދީ އަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، (ނަޒާހާ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވުމާގުޅޭގޮތުން އެކުލަވާލި ހައި-ލެވަލް ޕްރިންސިޕަލްތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ނަޒާހާ އާއި ރާއްޖޭގެ އޭސީސީ ގުޅިގެން އެކުލަވާލި ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވުމާގުޅޭ ހައި-ލެވަލް ޕްރިންސިޕަލްތަކަށް އެއްބަސްވެފައިވަނީ މި މަހުގެ 6 އިން 7 އަށް ކުރިއަށްގެންދިޔަ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓަރގްރިޓީ 2025" ގައެވެ. މި ޕްރިންސިޕަލްތައް ހުށަހަޅަން އެ ދެ އިދާރާއިން ނިންމާފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ "މިނިސްޓީރިއަލް މީޓިންގ އޮފް އެންޓި-ކޮރަޕްޝަން އެންޑް ލޯ އެންފޯސްމެންޓް އެޖެންސީސް" އަށެވެ.
މި ހައި-ލެވަލް ޕްރިންސިޕަލްތަކަކީ، ފަތުރުވެރިކަމުގެ ޙަރަކާތްތަކުގައި ނަޒާހަތްތެރިކަމާއި، ހާމަކަމާއި، ޖަވާބުދާރީވުން އިތުރުކުރުމަށް އޯއައިސީ ޤައުމުތަކަށް އެހީތެރިވުމަށް ފަރުމާކުރެވިފައިވާ އޮނިގަނޑެކެވެ. އިސްލާމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް، އދ.ގެ ކޮރަޕްޝަން ހުއްޓުވުމުގެ މުޢާހަދާ އާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭގޮތަށް ބިނާކޮށްފައިވާ މި ޕްރިންސިޕަލްތަކުގައި މައިގަނޑު ނުވަ ކަމެއް ހިމެނެއެވެ.
ހައިލެވެލް ޕްރިންސިޕަލްތަކުގެ ތެރޭގައި ހިމެނޭ ކަންކަން:
* ކޮރަޕްޝަން ހުއްޓުވުމަށް ކަނޑައަޅާފައިވާ މުއައްސަސާތައް ބާރުވެރި ކުރުވުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން
* އެސެޓް ރިކަވަރީ އަދި "ކްރޮސް ބޯޑަރ އެންފޯސްމެންޓް" ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުން
* ހާމަކަން ބޮޑުކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުން
* ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި ޕްރޮކިއުމަންޓް އުޞޫލުތަކާ ގުޅުންހުރި ކަންކަމުގައި ނަޒާހާތްތެރިކަން އިތުރުކުރުން
* އިންސާފުވެރި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބިން ބެލެހެއްޓުމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރަން އެއްބާރުލުންދިނުން
* ފަތުރުވެރިކަމުގެ ސިނާޢަތުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުން
* އެންޓި-ކޮރަޕްޝަން އޮނިގަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް މޮނިޓަރކޮށް އިވެލުއޭޓްކުރުން އިތުރުކުރުން
* "ބެނެފިޝަލް އޯނަރޝިޕް" ދެނެގަތުން ހިމެނޭގޮތަށް، މަޢުލޫމާތު ލިބުމުގެ ފުރުސަތާއި ހާމަކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން
* ވިސްލްބްލޯވަރުން ހިމާޔަތްކުރުމާއެކު، ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި ރިޕޯޓުކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން
މި ހަމަތަކުގެ މައިގަނޑު މަޤްޞަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ ގޮންޖެހުންތައް ނައްތާލުމާއި، ދެމިގެންދާނެ، ހަމަހަމަ އުޞޫލުތަކެއް ޤާއިމުކުރުން ކަމަށް އޭސީސީން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
2 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
އަހަރެއް ކުރިން