
ވ. ތިނަދޫ "އިކޯބޫ މޯލްޑިވްސް" ނަމަކަށް ކިޔާ ގެސްޓްހައުސް، ފޮޓޯ: ސޯޝަލް މީޑިއާ
ވ. ތިނަދޫގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ބަލަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި

އާމިނަތު ޝަޒްލާ - 25 ނޮވެމްބަރު 2026 - 11:43
ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއެއްގައި އެއްޖިންސުން (ދެ އަންހެނުން) ކައިވެނިކޮށްދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ތިނަދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ "އިކޯބޫ މޯލްޑިވްސް" ނަމަކަށް ކިޔާ ގެސްޓްހައުސްގައެވެ. މި ހާދިސާ ހިނގާފައިވަނީ 23 ނޮވެމްބަރު 2024 ގައެވެ.
މިކަމާ ގުޅިގެން ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ ނައިބު ރައީސް "އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ވަނީ، އެ ގެސްޓްހައުސްގައި އެއްޖިންސުން ކައިވެނިކުރުމުގެ ހަފުލާއެއް ބާއްވައި، ކައިވެނި ކޮށްދީފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި އެއްޖިންސުން ކައިވެނިކުރުމާއި، އެފަދަ ކަންކަމަށް ހިތްވަރުދޭ އެންމެހައި ހަރަކާތްތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި އަދި މާތްވެގެންވާ އިސްލާމީ ޝަރީޢަތުގައިވެސް ކަނޑައެޅިގެން ހަރާމް އަދި މަނާކުރެވިފައިވާ ކަންކަމެވެ. އަދި މިފަދަ ހަޑިމުޑުދާރު އަމަލެއް ތިނަދޫގައި ހިންގުމަކީ އެ ރަށާމެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދި، ރަށުގެ ރައްޔިތުންނަށާއި ރަށުގައި ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން، ތިނަދޫގެ އާންމު ސަރަޙައްދުތަކާއި، ޚާއްސަކޮށް ގެސްޓްހައުސްތަކުގެ ކުރިމަތީގައި އޮންނަ އަތިރިމަތީ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދައާއި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގައިވެސް، އެ ތަންތަން ބޭނުންކުރަންވާނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ ހަރަކާތްތަކަށް އެކަނި ކަމުގައި ބަޔާންކޮށްފައިވާނެ ކަމަށް ކައުންސިލުން ހަނދާންކޮށްދިނެވެ.
އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ޚިލާފު އެއްވެސް އަމަލަކަށް އެ ކައުންސިލުން ތާއީދު ނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލްގެ އިހުތިސާސާއި ބާރުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
ރަށު ފަތުރުވެރިކަމަކީ ތިނަދޫގެ އިޤްތިޞާދާއި މުސްތަޤުބަލާ ގުޅިފައިވާ މުހިންމު ސިނާއަތަކަށްވާތީ، ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެހައި ފަރާތްތަކުން ޚިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، އިސްލާމީ ރިވެތި އުސޫލުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، އެއާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ތިނަދޫ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހަގީގަތް ދެނެގަތުމަށް ބޮޑު ސާރވޭއެއް ފަށަނީ
4 ގަޑިއިރު ކުރިން

އާންމު ސިއްހަތުގެ އަސާސީ ޒިންމާތައް ހަރުދަނާކުރަން އެޗްޕީއޭއިން ވޯކްޝޮޕެއް ބާއްވައިފި
4 ގަޑިއިރު ކުރިން
.jpg&w=3840&q=75)
އެއް ޖިންސުން ކައިވެނިކުރާ މައްސަލަ ހުއްޓުވަން ކުރާ މަސައްކަތެއް ނުފެނޭ: ޒަމްޒަމް ފާރިޝް
4 ގަޑިއިރު ކުރިން


