logo

ރައީސު ޑރ. މުޢިއްޒުގެ ލީޑަރޝިޕުގެ ފަލްސަފާއިން ފެންނަނީ ޤައުމިއްޔަތުގެ ކުލަވަރު

profile

މުހައްމަދު މުޝްރިފް - 09 އޮކްޓޯބަރު 2025 - 17:42

ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮވެ، ކުރިއަރައި ތަރައްޤީވެ ދިއުމަށް ވަރަށް އަސާސީ ބަހާތަކެއް ބޭނުންވެއެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ބަހާއަކީ، ޤައުމުގެ ވަޙްދަތު ހިފަހައްޓައިދެނިވި ޤައުމިއްޔަތުގެ ރޫޙުން ޒީނަތްތެރިވެފައިވާ ޙުއްބުލް ވަޠަނުގެ ބަހާއެވެ.

https://wamco.com.mv/

ދިވެހިރާއްޖެއަށް ބަލާނަމަ، ދިވެހިންގެ ދީނާއި ، ދިވެހިންގެ ޒަމާންވީ ރީތި އަޚްލާޤިއްޔާތާއި، އަދި ބަހާ ޘަޤާފަތު މީގެ ތެރޭގައި ހިމެނެއެވެ.

ފެންނާންހުރި، ދިވެހި ތާރީޚުގެ ފަތްފުއްތަކަށް ބަލާއިރު، ދިވެހި މިލޮބުވެތި ރާއްޖެ އަޅުގަނޑުމެންގެ ޖީލުތަކާ ހަމައަށް ވާރުތަވެފައިވަނީ، ޤައުމީ ލޯބި ހުރި ޤާއިދުންތަކެއް، ދިވެހި ސިންގާ ސަނާގައި ރެދަލިވެ ތިއްބަވައި ކުރައްވާފައިވާ އިޚްލާޞްތެރި މަސައްކަތްތަކެއްގެ ސަބަބުންނެވެ.

ޤައުމުގެ އަބުރާ ޝަރަފަށްޓަކައި އަމިއްލަ ނަފްސާ ފުރާނައިން ޙުއްބުލް ވަޠަންގެ އަގު އަދާކޮށް ދިނުމުގެ ނަތީޖާއިންނެވެ.

ޤައުމުގެ ކަރާމަތާއި ހައިބަތަކީ، ސިޔާސީ ވިސްނުމެއްގައި ވިޔަސް ދޫކޮށްނުލެވޭނެ ކަމެއްކަމުގައި ޤަބޫލުކޮށް އެ އީމާނުގައި ތިއްބެވީތީއެވެ.

އިސްވެ ދެންނެވުނުފަދަ ވަޠަނީ ވިސްނުން ފުޅެއްގައި ދިވެހިރާއްޖޭގެ ވެރިކަމަށް މިފަހުގެ ތާރީޚެއްގައި ވަޑައިގެންނެވުނު އެއްބޭފުޅަކީ، އެއްވެސް ޝައްކެއްނެތްގޮތެއްގައި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެމަނިކުފާނުގެ އެންމެ އިސް ސިޔާސަތަކީ، އެންމެ ފުރަތަމަ ދިވެހި ޤައުމުގެ ސިޔާސަތެވެ. މި ސިޔާސަތުގެ ނާރެހަކީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއެވެ. ބަހާތަކަކީ؛ ދިވެހިންގެ އެއްބައިވަންތަކާމާއި، ދިވެހީންގެ މަތިވެރި އަޚްލާޤާއި އެއުރެންގެ ޒަމާންވީ ރީތި އާދަކާދައެވެ.

ދިވެހީންގެ ވަޒަނުގެ ސިޔާސަދާއި އަމިއްލަވަންތަކަން ދިވެހީން އިސްވެ ތިބެ، ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމެވެ. ވަޠަނުގެ ލޯބި ފަރުދީ އެދުމުގެ މައްޗަށް ދޫކޮށްނުލުމުގެ ވަޠަނިއްޔަތުގެ ވަރުގަދަ ސިޔާސަތެވެ.

މިދަންނަވާ ވާހަކައިގެ ޙަޤީޤަތް ބަލާލުމަށް މީގެ ކުރިން ވެރިކަން ކުރެއްވި ބައެއް ބޭފުޅުންގެ ސިޔާސަތު ތަކަށް ތަޙްލީލީ ނަޒަރަކުން ބަލާލަމާ ހިނގާށެވެ.

މިގޮތުން 2008 ގައި އުފެދުނު ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކަށް ނަޒަރު ހިންގާލާއިރު، އެ ސަރުކާރުގެ ލީޑަރގެ ވިސްނުން އެއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

ދައުލަތް ހިންގުމުގެ މައިގަނޑު ސިޔާސަތު އެބޭފުޅުން ބައްޓަންކުރަން ބޭނުންވީ، ދީނާއި ދައުލަތް ވަކިވާ ސިޔާސަތުގެ މަތީގައެވެ. ސީދާ ޢިލްމާނީ ވިސްނުމުގެ މައްޗަށް ދައުލަތް ހިންގުމުގެ ވިސްނުން އިސްކުރަން މަސައްކަތްކުރިކަން ސާބިތުވާން އެބަހުއްޓެވެ.

ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގާ ފަރާތްތަކަށް އެ ފުރުސަތު ލިބެންވާނެ ކަމަށް އެމީހުން ޤަބޫލުކުރެއެވެ.

ޑްރަގާއި ބަނގުރަލަކީ ޢާންކޮށް ލިބެންހުންނަށް ޖެހޭނެ އެއްޗެއްކަމަށް ބުނެ އެކަމަށް ވަކާލާތު ކުރަމުން ގެންދިޔައެވެ.

ދީނީ ގޮތުން ދިވެހިން ޤަބޫލުކޮށްގެންތިބި އަސާސްތަކަށް ބުރޫ އަރުވާލުމުގެ ނިޔަތުގައި، ތަޢްލީމީ މަންހަޖަށް ބަދަލު ގެނައުމަށް މަސައްކަތްކުރިއެވެ. އަދި ދީނީ ޢިލްމު އުގެނުމަށް ހުޅުވިފައިހުރި ދޮރުތައް ދިވެހި ޒުވާންނުނަށް ބަންދުކޮށްލިއެވެ.

ހަމަ މިމޭރުމުން ދިވެހި ޖުޑިސަރީ އިސްލާޙުކުރުމުގެ ނަމުގައި، މުޅި ޖުޑިސަރީ ގަޑުބަޑުކޮށްލިއެވެ. މިކަމުގެ ފަހަތުގައިވެސް ފޮރުވިފައިވާ ސިއްރަކީ ދުރުމުސްތަޤުބަލެއްގައި ދިވެހި ދައުލަތުގެ ސިފަ ބަދަލުކޮށްލުމެވެ. ޤާނޫނު އަސާސީގައި ލިޔެ ފާސްކޮށްފައިވާ މުހިންމު އަސާސްތައް ފަސޭހައިން ބަދަލު ނުކުރެވޭނެތީ، ސުޕްރީމް ކޯޓު މެދުވެރިކޮށް ޤާނޫނު އަސާސީ މާނަކުރުމުގެ ޚުޞޫޞިއްޔަތު ބޭނުންކޮށް އެބަދަލު ގެނައުމެވެ.

މިއިން ކޮންމެ ސިޔާސަތެއްގެ ފަހަތުގައިވެސް ފޮރުވިފައިވަނީ ދިވެހިންގެ ދުސްތޫރުގައި ކަޅާއި ހުދުން ލިޔެފައިވާ، އިސްލާމީ ޝަރީޢަތުގެ މައްޗަށް ހިނގާ ވެރިކަމެއްގެ ސިފައަށް ބުރޫއަރުވާލުމެވެ. ދިވެހިންގެ ޤައުމިއްޔަތުގެ ކުރިބޯށި ވައްޓާލައި އޭގެ ބަދަލުގައި ދިވެހިންނަށް ބީރައްޓެހި، އަދި ޢަމުދުން ދިވެހީންނާއި ނުވެސްގުޅޭ، ފަލްސަފާތަކެއް ގެނައުމެވެ.

މިވެރިންގެ ޚާރިޖީ ސިޔާސަތު ބިނާކުރީވެސް، ސީދާ ދިވެހި ދައުލަތަށް ގެއްލުން ލިބޭ ބީދައިންނެވެ. ދުނިޔޭގެ ޖިއޮޕޮލިޓިކްސްގެ ގަދަ އޮއިވަރު އެނބުރެމުންދާގޮތާއި، އޭގެ ސަބަބުން ދިވެހީންގެ އަމިއްލަ ވަންތަކަމަށް ކޮށްފާނެ އަސަރުތަކާމެދު، އެއްވެސް ވަރަކަށް ވިސްނާލުމެއްނެތިއެވެ.

މިކަމުގެ އެންމެ ރީތި މިސާލަކީ؛ ކުރީގެ ސަރުކާރުގެ ދިފާޢީ ވަޒީރަކު، އަވަށްޓެރި ޤައުމެއްގެ ލައިވް ޓީވީގައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ކުޑައިމީސް ވާގޮތަށް ވާހަކަދައްކައި ހެދިހެދުމެވެ. އަދި މުޅި ޚާރިޖީ ސިޔާސަތުގެ ލަގަން އެހެން ޤައުމުތަކެއް ބުނާހާ ބީދައަކުން ލިޔެ ތަންފީޒު ކުރަމުން ގެންދިޔަ ގެންދިއުމެވެ.

ނަތީޖާއެއްގެ ގޮތުން، ދިވެހި ދައުލަތުގެ އިސްތިރާތީޖީ އެތަކެއް އެސެޓެއް ބޭރުގެ ފަރާތްތަކަށް ދޫކޮށްލަން މަސައްކަތް ކޮށްފައިވެއެވެ. ދިވެހިންގެ މައި އެއަރޕޯޓާއި، މުވާޞަލާތީ މައިކުންޏާއި، ފެންކުންފުއްޔާއި، އަދި މިނޫން އެތަކެއް އެސެޓްތަކެއް ބޭރުގެ ކުންފުނިތަކަށް ނުއަގުގައި ދޫކޮށްލައި އެތަންތަން ބޭރުމީހުންނާއި ޙަވާލުކުރުމުގެ މަސައްކަތްތައް ބާރުމިނުގައި ގެންދިޔައެވެ.

މިފަދަކަންކަމަކީ ހަމައެކަނި މިނިވަން ވިޔާފާރީގެ ވިސްނުމުގައި ކުރާ ކަންތަކެއްނޫނެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެޤައުމުގެ އަމްނުއަމާނާއި ސަލާމަތާއި ގުޅިލާމެހިފައިވާ އެސެޓުތައް އަމިއްލަ ވިޔަފާރިތަކަށް ދޫކޮށް ނުލާނެތީއެވެ. މިނިވަން ވިޔަފާރީގެ ބޭނުމުގައިވެސް ޤައުމުތަކުން ދޫކޮށްނުލާނެ ދާއިރާތަކެއްހުރެއެވެ.

އަޅުގަނޑުމެން އެންމެނަށް އެގޭނެފަދައިން، ދުނިޔޭގެ އެންމެ މުއްސަނދި އަދި މިނިވަން ވިޔަފާރީގެ މައި މަރުކަޒުކަމުގައިވާ އެމެރިކާގައިވެސް، މިހާރުއެވަނީ މިދެންވެނި ފަދަ މައްސަލަތައް ފެންމަތިވެ ރައްޔިތުނންނަށް އެތަކެއްބޮޑެތި ގެއްލުންތަކެއް ލިބެން ފަށާފައެވެ.

ރައްޔިތުންގެ އަސާސީ ޚިދުމަތްތައްދިނުމަށް މުޅިސިއްޙީ ދާއިރާ އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ދޫކޮށްލުމުގެނަތީޖާއަކީ އަދިވެސް އެމެރިކާގައި، ހުރިހާ ރައްޔިތުން ޝާމިލުވާ އިންޝުއަރެންސެއް ޤާއިމުވެފައި ނެތުމެވެ. ނަތީޖާއަކީ އެތަކެއް މިލިޔަން އެމެރިކާގެ ރައްޔިތުން ޔުނިވާސަލް ހެލްތު އެންޝުއަރެންސުގެ ޚިދުމަތުން މަޙްރޫމު ވުމެވެ. ރައީސު އޮބާމާގެ ވެރިކަމުގައި އޮބާމާކެއަރގެ ނަމުގައި ޤައުމީ އިންޝުއަރެންސު ސްކީމެއް އުފެއްދެވީވެސް މިދެންނެވި ސަބަބާހުރެއެވެ.

ހަމައެގޮތަށް އޮބާމާގެ ވެރިކަމުގެ ކުރީކޮޅު އެމެރިކާގެ ބޮޑެތި ބޭންކުތައް ބަގުރޫޓުވުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ސަރުކާރުން އެބޭންކުތައް ސަލާމަތްކުރުމަށް އެތަކެއް ޓްރިލިއަން ޑޮލަރެއް ސަރުކާރުން އެބޭންކުތަކަށް ދޭން މަޖުބޫރުވިއެވެ.

މިނިވަން ވިޔަފާރީގެ މާރުކޭޓުގެ އޮއިވަރަށް ޤައުމުގެ ހުރިހާކަމެއް ދޫކޮށްލައިގެން ތިބުމުގެ ނަތީޖާއެވެ. އެކަމުން ލިބެމުންދާ ބޮޑެތި ގެއްލުމެވެ. މިއީ ދައުލަތުގެ މުއްސަނދިކަމާއި ވަޞީލަތްތައް އިންތިހާއަށް ގިނައިން ލިބިފައިވާ ޤައުމުތަކުގެ ޙާލަތެވެ. ވީއިރު، ދިވެހިރާއްޖެ ކަހަލަ އިޤްތިޞާދީ ވަޞީލަތްތައް މަދު ޤައުމަކަށް މިނިވަން ވިޔަފާރީގެ ނަމުމުގައިވެސް ދޫކޮށްނުލެވޭނެ ދާއިރާތައް ހުންނަންވާނެއެވެ.

ނަމަވެސް، ކުރީގެ ދެންނެވުނު ސަރުކާރުތަކުން މިކަންކުރަމުން ގެންދިޔައީ މިފަދަ އެއްވެސް ކަމަކަށް ރިޢާޔަތް ކުރުމެއްނެތިއެވެ.

މި ބަޔާންކުރެވުނު މަދު ބައެއް ސިޔާސަތުގެ ސަބަބުން އެމް.ޑީ.ޕީގެ ދެ ސަރުކާރު ނިމުމެމުން ދިޔައިރުވެސް، ދިވެހި ޤައުމިއްޔަތުގެ އަސާސުތަކަށް ދިޔައީ ބޭއިޙްތިރާމު ކުރަމުންނެވެ. ޤައުމިއްޔަތުގެ ބަހާތަކަށް ފަނޑުކަންގެނުވައި، ޤައުމު ކޮށްޕާލީ ގޮތްނޭގޭ ރާއްޖެއަކާ ދިމާލަށެވެ.

މި ދެންނެވި ނުރައްކާތެރި، އަދަވަޅުން ޤައުމު ސަލާމަތްކުރުމުގެ ފަހިފުރުޞަތު ދިވެހިރައްޔިތުން މިހާރު އަރުވާފައިވަނީ، ޤައުމީ ލޯބިހުރި، ދިވެހީންގެ މާތްވެގެންވާ ދީނާއި، ރައްޔިތުންގެ ކަރާމަތް ޙިމާޔަތްކޮށްދެއްވުމުގެ ވިސްނުމުގައި މަސައްކަތްކުރައްވާނެ ލިޑަރަކާއެވެ.

އެމަނިކުފާނުގެ އަމާޒުހުރީ އަރުތަވެރި ދިވެހިރާއްއެއް ހޯދައިދިނުމަށެވެ. ދިވެހި ޤައުމީ ޝަޚްޞިއްޔަތަށް ކުޑަވެސް ފަނޑުކަމެއް އަޔަނުދީ، ދިވެހީންނަށް ދިވެހި ކާބަފައިން ގެނެސްދެއްވި، ހަންހާރަވެތި ޤައުމެއް ރައްޔިތުންނަށް ހޯދައިދެއްވުމަށެވެ!

https://wamco.com.mv/
https://www.aslu.com.mv