logo

ރައީސް ދެވަނަ ދައުރަކަށް ހޮވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: އަބްދުއްރަހީމް

profile

މުހައްމަދު މުޝްރިފް - 08 މޭ 2026 - 08:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ހޮވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެގޮތުން، ރައީސް މުޢިއްޒަކީ ރާއްޖޭގެ ތާރީޚުގައި ޖެހިޖެހިގެން ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސަށް ވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް "ޕީއެންސީ" ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށާއި، އެ ޕާޓީ އޮތީ ވަރަށް ވަރުގަދަކޮށް ބަދަހިކޮށް ކަމަށެވެ.

ޕީއެންސީން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ކޮންގްރެސް ޕާޓީގެ ސަފުތައް ރޫޅާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު އިދިކޮޅު ފަރާތްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަމަކީ އެއީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްވަރުފުޅު ބަލިކޮށްނުލެވުމުން، މިހާރު ފެންނަނީ ޒާތީ ގޮތުން ދިމާކޮށް، އަބުރު ކަތިލުމަށް ނާތަހުޒީބު މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޒާތީ ގޮތުން ދިމާކުރުމާއި އަބުރު ކަތިލުމަކީ އިދިކޮޅު ފަރާތްތަކަށް ވަރަށް މޮޅަށް ކުރަން އެނގޭ ކަމެކެވެ. ނަމަވެސް، ރައީސް މުޢިއްޒަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް އެ ފެންވަރުގައި ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ޒާތީ ޖަދަލުތަކުގެ ތެރެއަށް ނުވަނުމަށް ކަމަށާއި، އެމަނިކުފާނު ރައްދު ދެއްވާނީ އަމަލީ ގޮތުން ނަތީޖާ ނެރުއްވައިގެން ކަމަށެވެ. އެހެންނަމަވެސް، އެފަދަ ޒާތީ ހަމަލާތަކަށް ޖާގަ ނުދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޖަލްސާގައި ޕީއެންސީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ. އަބްދުއްރަހީމްގެ ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއްބައިވަންތަކަމާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައްޗަށެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk