
މެދުއިރުމަތީގެ ހަމަނުޖެހުންތަކުން ދިމާވި ދަތިތައް ހައްލުކުރެވި، މަޝްރޫޢުތައް ހަލުވިވެގެންދާނެ: ރައީސް

އާމިނަތު ޝަޒްލާ - 01 ޖޫން 2026 - 10:22
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ހައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުންފުނިތަކާ ޙަވާލުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެއްޓެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، ދުވެލި ހަލުވިވެގެންދާނެކަމުގެ ޔަޤީންކަންދެއްވައި، މިފަދަ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާއިރު، މަޑުޖެހުނުތަން ފޫބެދިގެންދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މިގޮތުން މާލޭ ސަރަޙައްދާއި އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. އަދި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިސްވެ، މައުލޫމާތު ހިއްސާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަކުރުމަށް ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރެވޭކަމަށާ، މައުލޫމާތު ހާމަކުރުމުގައި ހުރިހާ ވުޒާރާއަކުންވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 ޕަސެންޓް ހާސިލުކުރާނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެއާއެކު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު (އާރް.ޓީ.އައި) އާ ގުޅިގެން ދޭންޖެހޭ ޖަވާބުތައް ޚަލާސްކުރެވެމުންދާ ކަމަށާ، މުހުލަތު ހަމަވެފައިވާ މައްސަލަތަކަށްވެސް 15 ވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދާރީވެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމާޒަކީ، އިސްވެ މައުލޫމާތު ހިއްސާކުރުމަކީ އާންމުކޮށް އެކަން ބައްޓަންވެފައި އޮންނަންޖެހޭ ގޮތްކަމުގައި ހެއްދެވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންވެސް، ތަފާތު އެކި ދާއިރާތަކުން ކުރިމަތިކުރެއްވި ސުވާލުތަކަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީގައި "ނަމާދެވެ" ޕްރޮގްރާމް ފަށަނީ
14 މިނިޓު ކުރިން

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް، ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސް!
14 މިނިޓު ކުރިން

ކުދިންގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު ސަރުކާރު އޮންނާނެ: ރައީސް
3 ގަޑިއިރު ކުރިން

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)