logo

ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާދީފި

profile

މުޙައްމަދު ފަޟްލޫން - 11 ޑިސެމްބަރު 2025 - 10:16

ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފިއެވެ.

https://wamco.com.mv/

ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވުނު 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުސަތުތަކެކެވެ.

މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާލާފައިވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ޚިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

މި 30 މުވައްޒަފުންނާއިއެކު ސްޓެލްކޯގައި މަސައްކަތްކުރާ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އަދަދު 80 އަށް އަރާފައިވާއިރު އެ މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ޚިދުމަތްކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay