logo

ގެދޮރު ޢިމާރާތްކުރާ ސްކީމްގެ ލޯނަށް ހުޅުވާލި ފުރުޞަތުގައި 2000 އަށްވުރެ ގިނަ ފޯމް

profile

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 07:31

ގެދޮރު އެޅުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްސަކޮށް ހުޅުވާލި "ހިޔާވެހި" ލޯނު ސްކީމަށް އެދި 2200 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހިންގަމުންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ސްކީމްތަކަށް އެޕްލައި ކުރުމުގެ މުއްދަތު 31 މެއި 2025 ވީ ހޮނިހިރު ދުވަހުގެ ރޭ 23:59 އަށް ވަނީ ހަމަވެފައެވެ.

މިނިސްޓްރީން ބުނީ މި ސްކީމްގެ މުއްދަތު ހަމަވިއިރު، ސްކީމަށް އެދި ޖުމްލަ 2256 ފޯމު ހުށައަޅާފައިވާކަމަށެވެ. ހިޔާވެހި ސްކީމް ބެހިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ.

މިނިސްޓްރީން ބުނީ، ކުދި ރަށްތަކަށް ޚާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އަރބަން ސެންޓަރުތަކަށް ޚާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށައަޅާފައިވާކަމަށެވެ.

ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ލޯނު ސްކީމެވެ. މި ސްކީމްގައި މާލީ އެހީ ދޫކުރަނީ 1 މިލިޔަން ރުފިޔާއާ ހަމައަށެވެ. ދެވަނަ ސްކީމަކީ ސަރުކާރުން އާރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ. ތިންވަނަ ސްކީމު ޚާއްޞަކޮށްފައިވަނީ ފުރަމާލެއަށް 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ލޯނު ދޫކުރަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ހިޔާވެހި ސްކީމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ދީފަވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާވެހި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވާލަދެއްވި ފުރުޞަތެކެވެ. މި ސްކީމް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5ވަނަ ދުވަހުއެވެ.

މިއީ 5 އިންސައްތައިގެ ޕްރޮފިޓް މާޖިންއެއްގައި، 25 އަހަރުން އަނބުރާ ދައްކާގޮތަށް ދޫކުރާ ފައިނޭޝަލް ފެސިލިޓީއެކެވެ.

މި ސްކީމްގެތެރެއިން، މުޅިން އަލަށް ގެދޮރު ޢިމާރާތްކުރާ މީހުންނާއި އަދި ގެދޮރު މަރާމާތުކުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ހޯދޭނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay