logo

ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވަނީ އިސްލާމްދީނުގެ އުސޫލުތަކުގެ މައްޗަށް: ރައީސް

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 10:45

ރައީސް މުއިއްޒު(ފޮޓޯ/ ރައީސް އޮފީސް)

ރައީސް މުއިއްޒު(ފޮޓޯ/ ރައީސް އޮފީސް)

ދިވެހިރާއްޖެއާއި ސަޢުދިއަރަބިއްޔާއާ ދެމެދުގައި އޮތް ގާތް ގުޅުން ބިނާވެގެންވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސައުދިއަރަބިއްޔާގެ 94ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން އެގައުމުގެ ހުރިހާ ރައްޔިތުންނަށްގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ސައުދީއަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނަޖުދާއި ހިޖާޒުގެ ރަސްކަން އެއްކުރައްވައި 1932 ވަނަ އަހަރު އެގައުމުގެ ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް ބިން އަބްދުއްރަހުމާން އަލް ސައުދު ވެރިކަން އެއްބައިކޮށް ގާއިމްކުރި ދުވަހެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން، ޢާއިޝަތު އަފްރީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާދީއްތަ ދުވަހު ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަން، ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްވެސް ނައިބު ރައީސް ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް ޢަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ މުއްސަނދި ތާރީޚާއި ތަރިކަ، އަދި އެ ޤައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވާލެއްވުމުގެ ފުރުޞަތުވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ލިބިވަޑައިގެންފައިވެއެވެ.

https://wamco.com.mv/
tel:+9607331319