logo

ގްރީން ޓެކްސް ނިޒާމާއި ގުޅުމަށް މީރާއިން ދީފައިވާ ސުންގަޑިތަކަށް ބަދަލު ގެނެސްފި

profile

މުޙައްމަދު ފަޟްލޫން - 25 އޮކްޓޯބަރު 2026 - 13:19

ގްރީން ޓެކްސް އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މޯލްޑިވްސް ގްރީން އިންފޮރމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އާއި ސިސްޓަމް އިންޓަގްރޭޓް ކުރަން ދީފައިވާ ސުންގަޑިތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަދަލުތަކެއް ގެނެސްފިއެވެ.

https://wamco.com.mv/

މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް މި ނިޒާމް ފަސޭހަކަމާއެކު ގުޅުވައިލުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް ގްރީން އިންފޮރމޭޝަން ސިސްޓަމަކީ ގްރީން ޓެކްސް ނެގުމާއި ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ މަގްސަދުގައި 1 އޮކްޓޯބަރ އިން ފެށިގެން ލައިވްކޮށް، އަމިއްލައަށް އެދިގެން ނިޒާމާއި ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ސިސްޓަމެކެވެ.

މީރާއިން އާއްމުކޮށްފައިވާ އައު ތާވަލުގައިވާ ގޮތުން މި ނިޒާމް އަމަލީގޮތުން ތަންފީޒްކުރަން ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ބެޗްގައި ހިމެނެނީ ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރީގެ ގެސްޓްހައުސްތަކެވެ.

މި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ މުއްދަތު 1 ނޮވެމްބަރު އިން ފެށިގެން ހިނގަން ފަށާއިރު، ޑޭޓާ އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީހަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 އެވެ. ފުރަތަމަ ބެޗްގައި ހިމެނޭ ވިޔަފާރިތަކުން ސިސްޓަމް އިންޓަރގްރޭޝަން ފުރިހަމަ ކުރުމުގެ އެންމެ ފަހު ތާރީހަކީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހެވެ.

ދެވަނަ ބެޗްގައި ހިމެނެނީ ގްރީން ޓެކްސް އަށް ރަޖިސްޓްރީ ކޮށްފައިވާ އެހެނިހެން ހުރިހާ ފަރާތްތަކެވެ.

މި ފަރާތްތަކަށް ޓެކްސް ނެގުމުގެ މުއްދަތު 01 ޖެނުއަރީ 2027 އިން ފެށޭއިރު، މައުލޫމާތު އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ 2027 އެވެ.

ދެވަނަ ބެޗްގެ ފަރާތްތައް ސިސްޓަމް އިންޓަރގްރޭޓް ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހެވެ.

މޯލްޑިވްސް ގްރީން އިންފޮރމޭޝަން ސިސްޓަމާއި ސިސްޓަމް އިންޓަރގްރޭޓްކުރަން ދީފައިވާ ސުންގަޑިތަކަށް މި ބަދަލު ގެނައުމުގެ މަގްސަދަކީ ވިޔަފާރިތަކަށް އެމްޖީއައިއެސް ނިޒާމް ފަސޭހަކަމާއެކު ގުޅުވައި، ޓެކްސް ދެއްކުމުގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދަން އެކަށީގެންވާ ވަގުތު ދިނުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319