logo

އާބަންކޯއިން ޕީސީބީ އަދި އެސްއޯއީ ކޮމިޓީގެ ލަފާ ހޯދަނީ

profile

އަހުމަދު ޒަލީފު - 08 ނޮވެމްބަރު 2023 - 17:12

އާބަންކޯ

އާބަންކޯ

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އާބަންކޯ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގަކާ ގުޅިގެން އެ ކުންފުނިން ފަސް ކަމެއް ކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީ އެ ކުންފުނީގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން ބޯޑާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ލަފާ ހޯދަން ނިންމައިފި އެވެ.

ބިންތައް ކުއްޔަށް ދޫކުރި މައްސަލައެއްގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯއަށް ވަނެވެ.

އޭސީސީގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އާބަންކޯގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިއީ ބިންތައް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލުމާތު ހޯދުމަށް ތަހުގީގުތެރެއިން ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއީ ކޮންތާކުން ކުއްޔަށް ދޫކުރި ބިމެއްކަމެއް ސާފުނުވެއެވެ.

އޭސީސީން އާބަންކޯއަށް ވަތްއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރުން ހުއްޓުވައި އެކަމުގެ ތަހުގީގަށް އިއްޔެ އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށްވެސް ވަދެފައެވެ.

ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މީގެ ކުރިން ވަނީކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ފަހުން މި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގަން އޭސީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އާބަންކޯއަށް އަންގާފައެވެ.

އޮކްޓޯބަރު 31, ގައި އޭސީސީން ވަނީ ހުށަހަޅާފައިވާ މައްސަލައަކާ ވިދިގެން މަޑުޖައްސާލުމަށް އާބަންކޯއަށް އޭސީސީން އެންގި ކަންކަން;

  1. ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން.
  2. އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން.
  3. ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް.
  4. ޖޮއިންޓު ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން.
  5. މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން.

މި އެންގުމުގެ ސަބަބުން އާބަންކޯ އާއި އެ ކުންފުނީގެ ކަސްޓަމަރުންގެ ހައްގުތަކަށް ވެސް އުނިކަން އަންނަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

https://wamco.com.mv/
tel:+9607331319