logo
މާލޭގެ މަގެއްގައި ދިވެހި ފުލުހުންގެ ހިދުމަތުން ހަރަކާތްތެރިވަނީ,, ފޮޓޯ: ފުލުހުން

މާލޭގެ މަގެއްގައި ދިވެހި ފުލުހުންގެ ހިދުމަތުން ހަރަކާތްތެރިވަނީ,, ފޮޓޯ: ފުލުހުން

މަގުމަތީގެ ރައްކާތެރިކަމަށް ފެށި އޮޕަރޭޝަނާއެކު އުއްމީދީ ހެޔޮ ބަދަލެއްގެ މިސްރާބަށް: ފުލުހުން

profile

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 11:21

މާލެ އާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން މިއަދު ފެންނަމުންދަނީ މަގުމަތީގެ އަމާންކަމަށްޓަކައި އެންމެން އެކުގައި އެއް އަމާޒަކަށް ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

ދާދިފަހުން އަޅަން ފެށި ހަރުދަނާ ފިޔަވަޅުތަކާއެކު، ދުއްވާ އެއްޗެއްގެ ހުންގާނު ހިފަހައްޓައިގެން ހުންނަ ކޮންމެ މީހަކު ވެސް މަގުމަތީގެ ސަލާމަތަށް ވިސްނައި، ހުށިޔާރުވެ، އެހެން މީހުންނަށް އިހުތިރާމުކުރާ މަންޒަރަކީ މުޅި މުޖުތަމައު އެދިއެދި އޮތް އެންމެ ބޮޑު އެދުމެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ނިންމެވުމުގެ މަތިން ފުލުހުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަން އިތުރުވެ، ހެޔޮ ބަދަލުތަކެއްގެ ކުލަވަރު މިހާރު ދަނީ މަގުތަކުން ސާފުކޮށް ފެންނަމުންނެވެ. މަގުމަތީގެ އަމާންކަމަކީ ހަމައެކަނި ފުލުހުން ނުކުމެ ގާނޫނު ތަންފީޒުކުރުމުން އެކަނި ހާސިލުވާނެ ކަމެއް ނޫން ކަމަށާއި، އޭގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ފަރުދީ ޒިންމާއާއި ގަވާއިދުތަކަށް ބޯލެނބުން ކަމަށްވާއިރު، ފަހުގެ ހަރަކާތްތަކުން ދައްކުވައިދެނީ އާންމުންގެ ވިސްނުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ އުފާވެރި އުއްމީދެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އެއްކޮށްފައިވާ އެންމެ ފަހުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކަށް ބަލާއިރު، މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކުރުމާ ގުޅިގެން ރިޕޯޓްކުރެވޭ އެކްސިޑެންޓްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. އެގޮތުން، 2026 އޮކްޓޫބަރު 8 ގައި ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަތީޖާއަށް ބަލާއިރު، އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު ފަހުގެ 20 ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައެވެ. އެއީ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެކެވެ. މި މުއްދަތުގައި ހުޅުމާލޭގައި ރިޕޯޓްކޮށްފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ.

ހަމައެއާއެކު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް ވަނީ އެދެވޭ ކުރިއެރުމެއް ފެނިފައެވެ. މާލޭގެ މަގުތަކުގައި 2026 ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް 128 އެކްސިޑެންޓް ހިނގާފައިވާއިރު، ހާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު ވަނީ 106 އަށް ދަށްކުރެވިފައެވެ. މިއީ 22 އެކްސިޑެންޓްގެ ދަށްވުމެއް ނުވަތަ 17.2 އިންސައްތައިގެ ހެޔޮ ބަދަލެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު އަމާޒަކީ ހަމައެކަނި ޖޫރިމަނާކުރުމާއި އުޅަނދު ޓޯކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އިސްކަންދެނީ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ކުރިން އެކަން ހުއްޓުވައި، ނަސޭހަތްތެރިވެ ހޭލުންތެރިކުރުވުމަށެވެ. އެގޮތުން، ހުޅުމާލޭގައި އޮކްޓޫބަރު 8 އިން 27 އަށް ކުރިއަށްދިޔަ ހަރަކާތްތަކުގައި ޖުމްލަ 3,151 އުޅަނދު (2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދު) ޗެކްކޮށްފައިވާއިރު، މީގެ ތެރެއިން 808 ފަރާތަކަށް (735 ސައިކަލު ދުއްވި ފަރާތަށާއި 73 ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ފަރާތަށް) ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްދީ ވިސްނައިދީފައެވެ. ނަމަވެސް، އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ދުއްވި 23 އުޅަނދަކަށާއި، ކަމާބެހޭ ކެޓެގަރީގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ވަނީ ޓޯކޮށްފައެވެ.

ފުލުހުން ފާހަގަކުރާ ގޮތުގައި މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޒިންމާދާރުކަމާއެކު އުޅަނދު ދުއްވާ އެންމެހައި ރައްޔިތުންނެވެ. މަގުމަތީގެ ނިޝާންތަކަށާއި ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، ޗެކްޕޮއިންޓްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާ ރައްޔިތުންނަށާއި، ގަވާއިދާ އެއްގޮތަށް އަމަލުކުރާ އެންމެހައި ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިހުލާސްތެރި ޝުކުރު އަދާކޮށްފައެވެ. މަގުމަތީގައި ފުލުހުން އަދާކުރަމުންދާ ގައުމީ ވާޖިބަށް އާންމުން ދައްކަމުންދާ ކެތްތެރިކަމާއި އެއްބާރުލުމަކީ މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެޅޭ އަގުހުރި ބާރެކެވެ.

https://wamco.com.mv/
tel:+9607331319