logo

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ލިބިގެން ދިއުމަކީ ގައުމަށް މަންފާހުރި ކަމެއް: މެޑަމް ސާޖިދާ

profile

މުޙައްމަދު ފަޟްލޫން - 11 ޑިސެމްބަރު 2025 - 08:11

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކަމަނާ މިހެން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު ވަކިގަޑިއެއްގައި ހޭލުމާއި، ގަޑިން ގަޑިއަށް ވަކި ކަންތައްތަކެއް ކުރުމަކީ ހަރުދަނާ ސިފަތައް އަށަގަންނަކަމެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ވަޒީފާގެ ފުރުޞަތު ފަހިވެގެންދިޔަ ފަރާތްތަކަށް، މިއީ އެކިކަހަލަ ހުނަރުތައް އަށަގަތުމާއި އެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓެލްކޯގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ސްޓެލްކޯ އަށް 21 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފެއް ކަމަށްވާ އަހްމަދު އަޒްމީލް މިއަދު ނިޔާވުމާއި ގުޅިގެން ސްޓެލްކޯއަށާއި އެ މަރުހޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމް އަދި ސްޓެލްކޯގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay