logo

އަލިފާނުން ރައްކާތެރިވާން ދަސްކޮށްދޭ " ފަޔަރ ޕްރިވެންޝަން ވީކް" ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 01 ފެބްރުއަރީ 2026 - 06:33

ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ އަލިފާނުން ރައްކާތެރިވުމުގެ ހަފުތާ ފަށައިފިއެވެ.

https://wamco.com.mv/

މި ހަރަކާތްތައް ކުރިއަށް ގެންދާނީ ޖެނުއަރީ 31 އިން ފެށިގެން ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސުން ހިންގާ މި ޕްރޮގްރާމަކީ، އަލިފާނުގެ ޙާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމު ފެށުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހަފުތާގެ ހަރަކާތްތައް ފައްޓަވައިދެއްވީ، ދިފާޢީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު މިޒްނާ އަލީއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ހެޑްކޯޓަރޒްގެ ފަރާތުން ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުޙްޔިއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަޙައްދު އަދި ރެހެންދި ސްކޫލް ހިމެނެއެވެ.

ފަޔަރ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކުރާނެއެވެ.

ސްކޫލުތަކުގެ ކުދިންނަށް އަމާޒުކޮށްގެން މިއަދުގެ ހަވީރުގެ ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު 920 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެފްއާރުއެސްއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އަމީނިއްޔާ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، އެފްއާރުއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނަދީމް އިބްރާހީމްއާއި އެފްއާރުއެސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީއާއި މާލެ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒު ރަޝާދުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްބޭފުޅުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގައި މަޢުލޫމާތު ފޯރުކޮށްދެއްވާނީ، އެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ފަޔަރ ޑިޕާޓްމަންޓްގެ ފަޔަރ ފައިޓަރުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay