logo

ކުޑަކުދިންނަށް ހާއްސަކޮށްގެން "ހުކުރު ޚުތުބާ ކުއިޒް"

profile

ޝަހްޒާ މުޙައްމަދު - 23 ފެބްރުއަރީ 2026 - 15:09

މި ރަމަޟާން މަހކުޑަކުދިންނަށް ޚާއްޞަކޮށްގެން އިސްލާމިކް މިނިސްޓްރީން "ހުކުރު ޚުތުބާ ކުއިޒް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް އިފްތިތާޙުކޮށްފި އެވެ.

https://wamco.com.mv/

މިއީ ޢުމުރުން 7-15 އަހަރާ ދެމެދުގެ ކުދިން ހުކުރު ޚުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި ފެށި ޕްރޮގްރާމެކެވެ.

މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާ މެދު މަޝްވަރާ ކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މި ކުއިޒަކީ ދިވެހި ބަހުން ކުރިއަށްގެންދާ "އޯޕަން ބުކް" މެތަޑަށް ކުރިއަށްދާ ކުއިޒެކެވެ. އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމަށްޓަކައި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔަ ޖެހެ އެވެ. އަދި ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށް އޮންނާނެ އެވެ.

ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުން ވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ އެވެ.

މުބާރާތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިން ވަނީ ތިން އުމުރުފުރައަކަށް ބަހާލައިފައެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ.

މި ކުއިޒުގައި ބައިވެރިވުމަށްޓަކައި އިސްލާމިކް މިނިސްޓްރީއިން މިކަމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަން ޖެހެ އެވެ. މި ގްރޫޕަށް ކޮންމެ ހުކުރު ޚުޠުބާއެއް ލެވޭނެ އެވެ. އަދި ކުއިޒާބެހޭ އިތުރު މަޢުލޫމާތު ވެސް ދޭނެއެވެ.

މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ 90 ޕަސެންޓް އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. އަދި މާކްސް އެއްވަރު ނަމަ އެ ކުދިންގެ މެދުގައި މެދުގައި ނެގޭ ގުރުއަތަކުންނެވެ.

ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

* 1 ވަނަ އަށް ދާ ކުއްޖަކަށް: ޢުމްރާ ދަތުރެއް (ޖުމްލަ 3 ޢުމްރާ ދަތުރު)
* 2 ވަނަ އަށް ދާ ކުއްޖަކަށް: 1،000ރ.
* 3 ވަނަ އަށް ދާ ކުއްޖަކަށް: 500ރ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްވަރު ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމަށް އަޅާ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އެހެންވެ ވީހާވެސް ގިނަ ކުދިންނާއި ބެލެނިވެރިން މި ފުރުޞަތުގެ ބޭނުން ހިފައި، މި ކުއިޒުގައި ބައިވެރިވާން އެދިފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk