
މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ

މުހައްމަދު މުޝްރިފް - 21 މާރިޗު 2026 - 14:19
މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ފޭސް 1 ގެ ބާކީ ހުރި 4 ސެގްމަންޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށްދާނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފޭސް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެ ތެރެއިން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ބައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މިދިޔަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ދަށުން 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މީގެ އިތުރުން 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކޮށް، މަގުގެ ޖާގަ ބޮޑުކުރުމަށްޓަކައި މަގު އިތުރަށް ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މި ސެގްމެންޓުގެ މަސައްކަތް ވެސް ކުރިއަށްގެންދާނީ ކުރިން ނިމުނު ދެ ސެގްމަންޓްގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ޒަމާނީ ފަރުމާއަށެވެ.
މި މަޝްރޫޢުގެ ދަށުން މަގުގައި ތާރު އެޅުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި، ޕޭމަންޓު ހެދުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އެމްޓީސީސީން ބުނީ މަގުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓީއޯ އިން ތެލުގެ ޝިޕްމަންޓެއް ގެނެސްފި
29 މިނިޓު ކުރިން
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ 1224 ޔުނިޓްގެ މަސައްކަތް ފަށައިފި
3 ގަޑިއިރު ކުރިން

ތިނަދޫ ސިޓީގައި ތަރައްޤީކުރި" ހޭހަން ޕާރކް" މޭޔަރ ސަޢުދު ޢަލީ ހުޅުވައިދެއްވައިފި
3 ގަޑިއިރު ކުރިން

ގދ. ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)