logo

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އެއްބައިވަންތަ ރޫޙެއްގައި މަސައްކަތް ކުރަންޖެހޭ: ނައިބް ރައީސް

profile

އައިޝަތު އިނާޝާ - 23 އޮކްޓޯބަރު 2024 - 11:45

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު - ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" ގައި ތަޤުރީރު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން، އެންމެ ނާޒުކު އާބާދީތަކަށް، ޚާއްޞަކޮށް ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައިސް ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުން ގެންދާ އުންމީދީ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށްވެސް ނައިބް ރައީސް ވަނީ ގޮވާލައްވާފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށްވެސް އަމާޒުތަކެއް ކަނޑައެޅުމަށް ނައިބް ރައީސް ގޮވާލެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ފަދަ ނާޒުކު ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަޤްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޤައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި، ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު އެކަމަށް އެއްބަސްވުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ ފަދައިން، ކޮމަންވެލްތުގެ ގިނަ ޤައުމުތަކަށް ބޭނުންވާ މާލީ ހޯދުމުގައި ދިމާވާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވައި، ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ނައިބް ރައީސް ތަޢުރީފު ކުރެއްވިއެވެ.

ނައިބް ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، ގްލޯބަލް ސްޓޮކްޓޭކް (ޖީއެސްޓީ) އަށް ރިޢާޔަތްކުރައްވައި، ޤައުމުތަކުން ހާސިލުކުރަންވީ ވަކިވަކި އައު އަމާޒުތަކެއް (އެންޑީސީޒް) ކަނޑައެޅުއްވުމަށްވެސް ވަނީ ގޮވާއްލަވާފައެވެ.

މީގެއިތުރުން 1.5 ޑިގްރީގެ މަގަށް އެނބުރި ދިއުމަށާއި، އަންނަން އޮތް ޖީލުތަކަށާއި، ދުނިޔެއަށް ޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅުތައް އެޅުމަށް ކޮމަންވެލްތުގެ މެންބަރުންގެ ކިބައިން ނައިބް ރައީސް އެދިވަޑައިގެންނެވިއެވެ.

"ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" އަކީ ކޮމަންވެލްތު ސެކްރެޓޭރިއަޓުން އިންތިޒާމްކުރެއްވި ހަރަކާތެކެވެ.

ސީއެޗްއޯޖީއެމްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ އިސްވެރިއަކަށް ހުންނަވަނީ ނައިބު، ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

https://wamco.com.mv/
tel:+9607331319