logo

މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ލިބުނު މިންވަރު %16.7 އިތުރު

profile

އަހުމަދު ޒަލީފު - 14 މާރިޗު 2024 - 16:04

---

---

މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ދައުލަތަށް 5.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 5 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެގޮތުގައިވަނީ 9.4 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 10.1 މިލިއަން ރުފިޔާގައެވެ.

2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.

މީރާގެ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މީރާގެ ކަލެކްޝަން ސެންޓަރެއް ނުވަތަ ބްރާންޗެއް ނެތް ރަށެއް ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދަކީ 7140 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

https://wamco.com.mv/
tel:+9607331319