logo

މެއިމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަ އިތުރު

profile

އަހުމަދު ޒަލީފު - 18 ޖޫން 2024 - 16:05

ޒަކާތް ބަލައިގަންނަނީ

ޒަކާތް ބަލައިގަންނަނީ

މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ މެއިމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެމަހުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައިވަނީ 9.1 މިލިއަން ރުފިޔާ ލިބިފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މެއިމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 4.5 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، %102 އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 46.4 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 48.1 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %3.5 ދަށް އަދަދެކެވެ.

2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9353.40 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

https://int.etukuri.mv/
tel:+9607331319