logo

އިޖުތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި 228 މައްސަލައެއް ވޭތުވެދިޔަ މަހު ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 10:23

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި މުޖުތަމައުގެ އެކި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާ ގުޅޭ ޖުމުލަ 228 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

https://wamco.com.mv/

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅުންހުރި މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް މިދިޔަ ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުދިންނަށް އިހުމާލުވުމުގެ 22 މައްސަލައަކާއި، ޖިންސީ ގޯނާގެ 17 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލުތަކަށް ހުށަހެޅުމުގެ 14 މައްސަލައެކެވެ.

ނަފްސާނީ އަނިޔާގެ 9 މައްސަލަ، ޖިސްމާނީ އަނިޔާގެ 7 މައްސަލަ، ބްލެކްމެއިލް ކުރުމާއި ބުލީކުރުމުގެ ކޮންމެ ބާވަތަކުން 4 މައްސަލަ އަދި އެހެނިހެން 11 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ.

ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކުރުމުގެ 31 މައްސަލައަކާއި، ސުލޫކީ 15 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

ސުލޫކީ މައްސަލަތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސްކޫލަށް ދިއުމަށް ދެކޮޅުހެދުމާއި، މާބޮޑަށް ރުޅިގަދަވުމުގެ އިތުރުން ގެއިން ފިލައިގެން ދިއުމުގެ މައްސަލަތަކެވެ.

ޖެންޑަރ ބޭސްޑް ވަޔަލެންސް ނުވަތަ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ގޮތުގައި 54 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ 45 އަންހެނުންނަށާއި 9 ފިރިހެނުންނަށް ލިބުނު އަނިޔާގެ މައްސަލަތަކެވެ.

ނަފްސާނީ އަދި އަނގަބަހުން ކުރާ އަނިޔާގެ 12 މައްސަލަ، ބިރުދެއްކުމާއި ޖިންސީ އަނިޔާގެ ކޮންމެ ބާވަތަކުން 3 މައްސަލަ، ރޭޕް ކުރުމުގެ 1 މައްސަލަ އަދި އެހެނިހެން 3 މައްސަލަ ހުސްވި މަހު އާއިލާއާއި ބެހޭ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

އާއިލީ މައްސަލަތަކުގެ ތެރެއިން 26 މައްސަލައެއް ހުސްވި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުދިންގެ ބެލެނިވެރިކަމުގެ ހައްގު ހޯދުމާއި، ކުދިންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދުމުގެ އިތުރުން ހަރަދު ނުދިނުމުގެ މައްސަލަތަކެވެ.

މިދިޔަ ޖުލައި މަހު އާއިލާ އާއި ބެހޭ ވުޒާރާއިން ހާއްސަ އެހީތެރިކަން ބޭނުންވާ 14 ފަރާތަކަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 5 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، އެކި ހެލްޕްލައިންތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ކޯލްތަކަށް ޖަވާބުދީ، ކައުންސެލިންގ އަދި ނަފްސާނީ އެހީތެރިކަމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

https://wamco.com.mv/
tel:+9607331319