
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް, ފޮޓޯ: ސޯޝަލް މީޑިއާ
ރަސްމާލެ މަޝްރޫއަކީ ދިވެހި ތާރީޚުގެ އެންމެ ބޮޑު ކޮރަޕްޝަން: މަލީހް

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 12:04
މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ފަށާފައިވާ "ރަސްމާލެ" މަޝްރޫއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމަށް ވިދާޅުވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވީ މީސްމީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މި ބޮޑު ވައްކަން ހިންގުމަށްޓަކައި އެސްޕީވީ ގޮތުގައި ބޭނުންކޮށްފައިވަނީ "ޕެނިންސުލާ" ކަމަށެވެ. އަދި މި މަޝްރޫއުގެ ނިވަލުގައި ދައުލަތް އެއްކޮށް ލޫޓުވާލައި، މުޅި ރާއްޖޭގެ އިގްތިސާދު އިނދަޖައްސާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން މަލީހް ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާއި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ މައިގަނޑު އަސްލަކީ ވެސް މި މަޝްރޫއުގެ ތެރެއިން ހިންގަމުންދާ ނާޖާއިޒު މުއާމަލާތްތަކެވެ. މީގެއިތުރުން، އަތޮޅުތެރޭގެ ތަރައްގީ މުޅިން ހުއްޓި، ރަށްރަށުގައި ހިންގަން ފަށާފައިވާ އަސާސީ މަޝްރޫއުތައް ކުރިއަށް ނުގެންދެވިގެން އުޅެނީ ވެސް ދައުލަތުގެ ފައިސާ މި ބޮޑު ކޮރަޕްޝަނަށް ބަހައްޓަން ޖެހުމުން ކަމަށް މަލީހް ވިދާޅުވިއެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވަމުން، ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ލަސްނުކޮށް ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު އެންމެ އިސްކަމެއް ދީގެން އިއުލާނުކުރި އެއް މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ނަމުގައި އެކޯ ސިޓީއެއް ތަރައްގީކުރުމުގެ މަޝްރޫއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ނަމަވެސް، މި މަޝްރޫއު ފެށުނީއްސުރެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މިއީ ދައުލަތުގެ ބަޖެޓަށް ނުކަތާވަރުގެ އަދި ދެފުށް ފެންނަ ގޮތެއް ނެތި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް، މަޝްރޫއު ހަވާލުކުރި ގޮތާއި، ބަދަލުގެ ގޮތުގައި ބިން ދިނުމަށް ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ސަރުކާރުން ސިއްރުކުރަމުންދާ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިދިކޮޅު ޕީއެންއެފްގެ އިސް ސަފުގައި ހުންނެވި މަލީހް މިފަދަ ބޮޑު ތުހުމަތެއް ސަރުކާރަށް އަމާޒުކުރައްވާފައި މިވަނީ، ރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސް، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ދަތި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ބަންދަށް 30 ދުވަސް އިތުރު!
37 މިނިޓު ކުރިން

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ބޭނުންވި 88 ބަލިމީހަކު އުފުލައިދީފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ވިއްސާރަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
3 ގަޑިއިރު ކުރިން

މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ރާއްޖެއާ ހައިނާން ޔުނިވަރސިޓީއާ ދެމެދު މުހިންމު މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން


