
ހުޅުމާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ޝަހްޒާ މުޙައްމަދު - 01 ފެބްރުއަރީ 2026 - 05:05
ހުޅުމާލޭގެ ގުދަނެއްގައި ރޭ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 21 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ 5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ބުނީ 6 ފަންގިފިލާއަށް ހަދާފައި ހުރި އެމާރާތުގެ ތިރީގައި ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި މި އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 03:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން 03:40 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، ފުރަތަމަ އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އޭގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ރޭ މިހާދިސާ ހިނގާފައިވާއިރު، ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 5 ވަނަ ޓަވަރުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ 140 މީހަކަ ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑރ ޒާހިރު ހުސައިންއަށް ރައީސް ޝުކުރު އަދާކުރައްވައިފި
17 މިނިޓު ކުރިން

އެފޯޑެބަލް ހައުސިންގ ޔުނިޓްތައް 2028 ވަނަ އަހަރު ހަވާލްކުރެވޭނެ: ބީއެމްއެލް
ގަޑިއިރެއް ކުރިން

ފޭކް ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ސްކޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފި
2 ގަޑިއިރު ކުރިން


