logo

ބިދޭސީންގެ މައްސަލަ ހައްލުކުރަން އެންމެންވެސް އެއްބާރުލުންދޭންޖެހޭ  !

profile

މުޙައްމަދު ފަޟްލޫން - 01 ފެބްރުއަރީ 2026 - 11:21

މީގެ އަހަރުތަކެއް ކުރިން އަޑުއިވެމުންދިޔައީ ރާއްޖޭގައި ބިދޭސީން ގިނަވެ ދިވެހިންނަށް ވަޒީފާތައް ނުލިބޭ ވާހަކައެވެ.

https://wamco.com.mv/

ނަމަވެސް މިއަދު އަޑުއިވެމުންދަނީ ބިދޭސީން މަދުކޮށް ވަޒީފާ އުފެދުނު ނަމަވެސް އެވަޒީފާތަކަށް އެކަށީގެންވާ މީހުން ނުލިބޭ ވާހަކައެވެ.

ބިދޭސީންގެ މައްސަލައަކީ އިއްޔެ މިއަދަކު މިރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ.

މި މައްސަލައަކީ މީގެ ވިއްސަކަށް ފަނަރަ ވަރަކަށް އަހަރުކުރިންވެސް ދިމާވަމުންދާ އަދި މިހާރުވެސް ދިމާވާ މައްސަލައެކެވެ.

އެންމެ ފުރަތަމަ ބިދޭސީން މަސައްކަތްކުރަން ގެނެވުނީ ވެރިރަށް މާލެއަށެވެ. އެއަށްފަހުގައި ދެން މަޑުމަޑުން ރާއްޖޭގެ އެހެންރަށްތަކަށް ބިދޭސީން ގެންނަން ފެށުނެވެ. އެހެން ގެންނަމުންގޮސް މިއަދު ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ ދެބަޔަކީ ބިދޭސީންނެވެ.

ބިދޭސީންގެ ތެރެއިންވެސް ބަންގްލަދޭޝް އާއި އިންޑިއާ އިތުރުން ނޭޕާލް ފަދަ ގައުމުތަކުން ރާއްޖެއަށް ބިދޭސީން އެތެރެކޮށްފައިވަނީ އެގަހުކޭލެއް މިގަހު ކޭލެއް ބެލުމެއް ނެތިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ބިދޭސީން ގިނަވެ އިޖްތިމާއީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް އިތުރުވާން ފެށިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން އެތަކެއް މަސައްކަތެއް ކުރި ނަމަވެސް މިސަރުކާރު ފާހަގަކުރެވެނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ނަމޫނާ ސަރުކާރެއްގެ ގޮތުގައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރަން ބިދޭސީންގެ ބަޔޯ މެޓްރިކްސް މައުލޫމާތާއި ބިދޭސީންގެ ޕާސްޕޯޓާއި އެހެނިހެން މުހިއްމު މައުލޫމާތު އެއްކުރިއެވެ. އެ މައުލޫމާތުތައް އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ކުރިއަށް ގެންގޮސްފައިވެއެވެ.

އޮޕަރޭޝަން ކުރަނގި ކުރިއަށްދަނީ ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މި ސަރުކާރުން ވަނީ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށް ބުނެފައެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ބަންދުކުރުމަކީ މީގެކުރިން ފެނިފައިނުވާ މަންޒަރެކެވެ.

މިސަރުކާރުން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ބަންދުކޮށް އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އަޅަން ވަނީ ފަށާފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ވަނީ މަދުވެފައެވެ.

މީގެ ކުރިން ދިވެހި ވިޔަފާރިތަކަށް އަތްގަދަކޮށްގެން އެވިޔަފާރިތަކުގެ މިލްކުވެރިކަމަށް ދައުވާކުރަންތިބި ބިދޭސީން މިއަދު މިވަނީ އެކަމާއި ދުރަށްދާން ފަށާފައެވެ.

ބިދޭސީން ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރުމާއި ރޮށި ފިހުމާއި މިނޫންވެސް އެތަކެއް ވިޔަފާރިތަކެއް ފުޅާ ދާއިރާއެއްގައި ދަނީ ހިންގަމުންނެވެ.

އެވިޔަފާރިތައް ބަލައި ފާސްކޮށް ބަންދުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދިއުމުގެ ސަބަބުން ބޮއްސުންލާފައި އޮތް ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލެއް މިވަނީ އަންނަން ފަށާފައެވެ.

މިއަދު ބިދޭސީންގެ ވިސާގެ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ބެލުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހުއްޓުވައި ސުވާލުކޮށް ރޭގަނޑު މާލެ ތެރޭގައި ދަންވަރު އުޅޭ ބިދޭސީންނާއި ސުވާލުކޮށް ހުއްޓުވައި ބަލައި ފާސްކުރުމުގެ ނަތީޖާއަކީ ކުރިއާއި އަޅާ ބަލާއިރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު މަދުވުމެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ދެތިން މަހަކުން ނޫނީ އެއް އަހަރަކުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެދެވޭ ގޮތެއްގައި މެދުނުކެނޑި މަސައްކަތް ކޮށްފިނަމަ ދެތިން އަހަރު ތެރޭގައި މި މައްސަލައަށް ޖުމްލަ ހައްލެއް ގެނެވިދާނެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ބިދޭސީންނާއި ބިދޭސީން ގެންނަ ފަރާތްތަކާއި އާއްމު ރައްޔިތުންނާއި ސަރުކާރުން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay