ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖެ އައި ކާގޯގެ ޢަދަދު، ފާއިތުވި އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު ވެއްޖެކަމަށް އެމްޕީއެލްގެ ސީއީއޯ މުހަންމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
"ސީޓު އެއަރ ކާގޯ" އަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމަށްޓަކައި ވެރިކަމުގެ ފުރަތަމަ އަހަރު ފެށްޓެވި މަސައްކަތް ޕުޅުތަކުގެ ތެރޭ ހިމެނޭ ސިނާއަތެކެވެ.
ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، "ސީޓު އެއަރ ކާގޯ" ގެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާވަމުންދާ ކަމަށާއި މިއަހަރުގެ މެއި މަހު ފެށުނު މިމަސައްކަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި "ސީޓު އެއަރ ކާގޯ" ރާއްޖޭގެ ސިނާއަތަށް މަންފާ ކުރާނެ ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކަންވެސް ފާހަގަކުރެއްވިއެވެ.
ހިސާބުތައް ދައްކާގޮތުން، މިހާތަނަށް ކަނޑުމަގުން ރާއްޖެ އައި 210 ކޮންޓެއިނަރުން 1،008،000 ކިލޯގެ މުދާ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހަންމަދު ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، އެ މުދާ ރާއްޖޭން ބޭރަށް ގެންދަން 11 އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށާއި މުދާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ކެނެޑާއާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ ގައުމުތައް ހިމެނޭ ކަމަށެވެ.
ރައީސްގެ ވެރިކަމަށް 1 އަހަރު ފުރުމާއި ގުޅިގެން، އެމްޕީއެލްއުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން:
17 ނޮވެމްބަރ 2023 އިން 16 ނޮވެމްބަރ 2024 އަށް ރާއްޖެ އައި ކާގޯގެ އަދަދު:-
- ކޮންޓެއިނަރ / ޓީއީޔޫސް (ތުރޫޕުޓް) ގެ އަދަދު :- 135110
- ޖެނެރަލް ކާގޯ :- 144330 ފުރައިޓް ޓަންސް
17 ނޮވެމްބަރ 2022 އިން 16 ނޮވެމްބަރ 2023 އަށް ރާއްޖެ އައި ކާގޯގެ އަދަދު :-
ކޮންޓެއިނަރ/ ޓީއީޔޫސް (ތުރޫޕުޓު)ގެ އަދަދު :- 123967 -
- ޖެނެރަލް ކާގޯ: 118710 - ފުރައިޓު ޓަންސް
މިހިސާބު ތައް ދައްކާގޮތުން، ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެއިގެ ކުރީ އަހަރާ އަޅާ ބަލާ އިރު %16 އިތުރު ވެފައިވާ ކަމަށާއި، އެއީ، ކޮންޓެއިނަރައިޒް ކާގޯ %9 އަދި ޖެނެރަލް ކާގޯ %22 އިތުރު ވުމެއް ކަމަށްވެސް މުޙައްމަދު ވަޖީހު ވިދާޅުވިއެވެ. މިއީ ނިސްބަތުން އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރި އެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.