ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކޮންމެ ކަމަކަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހަންމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުން ދައުލަތުގެ ބަޖެޓުން ގާނޫނާ ޚިލާފަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކުގެ މައްސަލަ ފެންމަތިވެ، އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރާއި، އެޓަރނީ ޖެނެރަލް އެކަންކަން އާންމުންނަށް ހާމަކުރައްވާފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ތުހުމަތުކޮށްފައި ވަނީ މިއީ ސަރުކާރުން ހަދާ ދޮގުތަކެއް ކަމަށެވެ. އަދި އެ މުއާމަލާތްތައް އޮޅުވާލާފައިވަނީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
އެ ތަުހުމަތުތައް ކޮށް، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާ ހަވާލާދީ ރާއްޖެ އެމްވީއިން ޝާއިއުކޮށްފައިވާ ޚަބަރަކަށް ރައްދު ދެއްވައި ނައިބުރައީސް ވިދާޅުވީ، މިއަދު މިފެނިގެންދަނީ ނިމިދިޔަ ސަރުކާރުން ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށް، ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ. އަދި ދިވެހި ދަޢުލަތަށް ކޮވިޑުގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފްސީލު ވެސް ފޮރުވާފައިވަނީ މިބީދައިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ: ރައީސުލްޖުމްހޫރިއްޔާގެ ނައިބް
ިރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މިއަހަރުގެ ތެރޭގައި ރެކޯޑްކޮށްފައި ވެއެވެ. އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ނޫން ބިލުތައް ވެސް ހުރުން އެކަށީގެންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި ތިން ބިލިއަނެއްހާ ރުފިޔާ މިއަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މިކަން ފާހަގަވީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ނަމުގައި ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓުން ބޮޑެތި ފަރަގުތަކެއް ފާހަގަވެގެން އެ ރިޕޯޓު ނެރުން މެދުކަނޑާލުމަށް ފަހު އެކަން ތަހުގީގުކުރުމުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، މިދިޔަ އަހަރު ހަރަދުކޮށް ރެކޯޑް ނުކޮށް ދެ ބިލިއަނެއްހާ ރުފިޔާ ހުރިއިރު، އެ ފައިސާ މި އަހަރުގެ ތެރެއަށް ރެކޯޑް ކުރެވިއްޖެ ނަމަ، އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެ ކަމަށެވެ.
އެ އަހަރެއްގައި ފާސްކުރާ ބަޖެޓާ އެއްގޮތަށް ހަރަދު ކުރަންވާނެ ކަމާއި އެއާ ހިލާފަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެއެވެ.