logo

ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

profile

އާމިނަތު ޝަޒްލާ - 20 ސެޕްޓެމްބަރު 2026 - 06:17

އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 107 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

https://wamco.com.mv/

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ތޮއްޑުއަށް އަމާޒުކޮށްގެން ހާއްސަ ޓާސްކްފޯހަކުން އޮޕަރޭޝަން ހިންގާފައިވަނީ އެ ރަށުގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ، އެކަމުގެ ގިނަ ޝަކުވާތަކެއް އާންމުންގެ ފަރާތުން ލިބެމުންދާތީ އެވެ. ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އެ ރަށުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ޖުމްލަ 507 ބިދޭސީއަކު ބަލައިފާސްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ. މިގޮތުން، ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަންތަކަށް ފަހު، މިހާރު މި ހަރަކާތްތައް ވަނީ އަތޮޅުތަކުގެ ރަށްރަށަށް ވެސް ފުޅާކޮށްފަ އެވެ. މިގޮތުން ހިންގާ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި ސައްހަ ލިޔެކިޔުން ނެތި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށް، ފުރުވާލާފަ އެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް މުޅި ރާއްޖޭގައި ކުރިއަށްދާއިރު، އަމާޒަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

https://wamco.com.mv/
tel:+9607331319