logo

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގެންދަން އުޅުނު 6 ބިދޭސީން މަނީ ލޯންޑްރިންގެ ތުހުމަތު، ބަންދު 10 ދުވަސް!

profile

އާމިނަތު ޝަޒްލާ - 20 ސެޕްޓެމްބަރު 2026 - 06:41

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހެއްގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކޮށް، އެމީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރަޖިބު، މުހައްމަދު މައިނުއްދީން ސަލާހު، މުހައްމަދު އަބްދުﷲ، އެމްޑީ މޮހިއްދީން ޗޯދްރީ، އަޖްގޮރު މިރިދާ، އަދި އެމްޑީ ޝާހިން މިއާހް އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެއްކި ވާހަކަތަކުން އެކަކު އަނެކަކަށް ވަނީ ތުހުމަތުތައް ރައްދުކޮށްފައެވެ. އެގޮތުން އަޖްގޮރު ކޯޓުގައި ބުނީ، އޭނާ އެއާޕޯޓަށް ދިޔައީ ރާއްޖޭގައި މަސައްކަތްކުރާތާ ތިން އަހަރު ފަހުން އެނބުރި ގައުމަށް ދިޔުމަށް ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ރަށެއްގައި މަހަކު 7،000 ރުފިޔާގެ ކުޑަ މުސާރައަކަށް މަސައްކަތްކުރާ މީހެއް ކަމަށް ބުންޏެވެ. ފައިސާ ފެނުނު ލަގެޖަކީ އެއާޕޯޓުން ދިމާވި ރަޖިބުގެ އެއްޗެއް ކަމަށާއި، ލަގެޖު ބަރުވުމުން ރަޖިބާ އެކު ޗެކިންވީ ކަމަށް އަޖްގޮރު ބުނެފައިވެއެވެ. އަދި ރަޖިބަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް، ރަޖިބު ކޯޓުގައި ބުނެފައިވަނީ އޭނާ އެ ލަގެޖާ ހަވާލުވީ އަޖްގޮރު ބުނެގެން ކަމަށާއި، އެކަން ކޮށްދިނުމުން އަޖްގޮރު އޭނާއަށް ފައިސާ ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. މީގެއިތުރުން ހައްޔަރުކުރި ޝާހިން ވެސް ކޯޓުގައި ބުނީ އޭނާ އެއާޕޯޓަށް ދިޔައީ އަޖްގޮރު ދިން ޕާރްސަލެއް އެހެން މީހަކާ ހަވާލުކުރުމަށް ކަމަށެވެ.

ފުލުހުން މި ހަ މީހުންގެ މައްޗަށްވެސް މަނީލޯންޑްރިންގެ ތުހުމަތު ކޮށްފައިވާއިރު، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހުންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ އަތުލައިގެންފައެވެ. އޭގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.

ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން، ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖެއަށް އެތެރެކުރާ ފައިސާގެ އަދަދު 10،000 ޔޫއެސް ޑޮލަރު (ނުވަތަ އެ އަދަދަށްވާ އެހެން ފައިސާއެއް) އަށް ވުރެ އިތުރުވާނަމަ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އެކަން ޑިކްލެއާ ކުރަންޖެހެއެވެ. ޑިކްލެއާ ކުރުމަކާ ނުލައި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރުމަކީ މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ.

ފަހަކަށް އައިސް ބޭންކިން ނިޒާމުގެ ބޭރުން ޣައިރުގާނޫނީ ގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ބިދޭސީން މެދުވެރިކޮށް ހިންގާ ހުއްދަނޫން ވިޔަފާރިތަކާއި ކަޅު ބާޒާރުގެ ފައިސާ ބޭރުކުރުމަށް އެއާޕޯޓް މަގުން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރަސްމީ ބޭންކިން ނިޒާމަށް ބޭރު ފައިސާ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319