logo

ފަރުވާދެމުން ދަނިކޮށް ރައީސް ނަޝީދުގެ ހިތް ހުއްޓުނު

profile

އައިޝަތު އިނާޝާ - 28 ނޮވެމްބަރު 2024 - 19:00

މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:25 ހާ އިރު ރައީސް ނަޝީދު ކާރަށް އަރާވަޑައިގަތުމަށް ގ. ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވަނީ - ފޮޓޯ: ސޯޝަލް މީޑިއާ

މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:25 ހާ އިރު ރައީސް ނަޝީދު ކާރަށް އަރާވަޑައިގަތުމަށް ގ. ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވަނީ - ފޮޓޯ: ސޯޝަލް މީޑިއާ

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީޢަތުގެ އަޑުއެހުން މިއަދު ކުރިޔަށްގެންގޮސްފިއެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާއިރު، ރައީސް ނަޝީދު އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އަދި އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު ޖަރުމަނާއި އިނގިރޭސިވިލާތަށް ވަޑައިގެން ވަނީ އިތުރު ފަރުވާ ހޯއްދަވާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން މައްސަލަ ހުއްޓިފައި އޮތުމަށްފަހުއެވެ.

މައްސަލައިގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން މެޑިކަލް ރިޕޯޓް ތައްޔާރު ކުރެއްވި ޑޮކްޓަރު ނިޔާފްގެ ހެކިބަސް ކޯޓުން މިއަދު ވަނީ ނަގާފައެވެ. ނިޔާފް ވިދާޅުވި ގޮތުގައި އިމަރޖެންސީ ރޫމަށް ރައީސް ނަޝީދު ގެންދިޔައިރު ގަމީހުގެ އެއް ފަޅި އާއި ފަޓުލޫނުގެ އެއް ފަޅީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.

ޒަހަމްތަކާއެކު ވެސް އެމަނިކުފާނުގެ ހޭވެރިކަން ހުރި ކަމަށާއި ވާހަކަ ވެސް ދައްކަވަމުންދިޔަ ކަމަށް ނިޔާފްވިދާޅުވިއެވެ. އަދި އެ ވަގުތު ރައީސް ނަޝީދަށް އިތުރު ހަމަލާއެއް އަތުވެދާނެ ކަމަށް ލަފާކޮށް އެމަނިކުފާނު ބަދަލުކުރީ މަތީގައި ހުންނަ ތިއޭޓަރައަކަށް ކަމަށް ނިޔާފް ވަނީ ވިދާޅުވެފައެވެ. ނިޔާފް ވިދާޅުވީ ރައީސް ނަޝީދުގެ ވާތުފުއްޕާމެއަށް ވައި ނުވަދެ އެއްކޮށް ހިނދިފައި ހުރި ކަމަށާއި މޭކަށިގަނޑު ފޫއަޅުވާލައި ރޭޒާފުށްތައް ފުއްޕާމެއަށް ވަދެފައިވާ ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ މައި ލޭހޮޅި ތެރޭގައި ރޭޒާފުށް އޮތުމަކީ ފުރާނައަށް ވަރަށް ނުރައްކާވި ކަމެއް ކަމަށާއި އެ ނެގުމަށް މަސައްކަތް ކުރިއިރު ރައީސް ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށެވެ. އެހެން ނަމަވެސް، ސީޕީއާރް ދީގެން ކުރި މަސައްކަތުން އަލުން ވިންދު އައި ކަމަށް ޑޮކްޓަރު ނިޔާފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ.

ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ، ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވާ، ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ތުހުމަތެވެ.


https://wamco.com.mv/
tel:+9607331319