logo

ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

profile

އާމިނަތު ޝަފާ - 12 ޖުލައި 2024 - 22:07

ރައީސް މުއިއްޒު ރައީސް ނަޝީދާއެކު

ރައީސް މުއިއްޒު ރައީސް ނަޝީދާއެކު

ދަ ޑިމޮކްރެޓްސްގެ އަހަރީދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްވެރިންނަށާއި މެމްބަރުންނަށް ވަނީ ފޮނުއްވާފައެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެކަފިވެ ކުރީގެ ރައީސް ރައީސް ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަަރަކާތުން އުފަންވި ޕާޓީއެކެވެ.

އައު ޕާޓީއެއް އުފައްދަން ނިންމައި އެމްޑީޕީގައި އުޅުއްވި ގިނަ މެމްބަރުންތަކެއްވަނީ ޕާޓީން ވަކިވެސްވެފައެވެެ. އެމްޑީޕީން އިސްތިއުފާ ދެއްވި މެމްބަރުންނަކީ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މުޙައްމަދު ވަހީދާއި އިމްތިޔާޒް ފަހުމީ (އިންތި)ގެ އިތުރުން ހަސަން ލަތީފާއި އިލްޔާސް ލަބީބާއި ޔާސިރު އަބްދުއްލަތީފާއި ހަސަން އަފީފާއި އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ އިތުރުން ހުސެއިން ފިރުޝާނާއި ހަސަން ޝިޔާން އަދި މުޙައްމަދު ރަޝީދު އާއި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޒާހިރުއެވެ.

މީގެއިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރުއާއި އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުނެންވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވައެވެ. މި މެމްބަރުންގެ އިތުރުން، އެ ޕާޓީން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވި ކުރީގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށްފައެވެ.

މިއާއެކު ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީން ދުރަށް ވަޑައިގެން ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. 2023 ވަނަ އަހަރު އުދެފުނު ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު މިވަގުތު ހުންނެވީ ސިޔާސީ ކަންކަމާ ދުރަށްޖެހިވަޑައިގެން ރާއްޖެއިންބޭރުގައެވެ.

ޑިމޮކްރެޓްސް އުފައްދަންޖެހުނީ އެމްޑީޕީގެ ތެރޭގައި ޑިމޮކްރަސީގެ ހަމަތައް ނެތިދިޔައިމާ ކަމަށް އެޕާޓީގެ އިސްވެރިން ކުރިންވަނީ ބުނެފައެވެ. ޑިމޮކްރެޓްސްއަކީ ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓާނެ ޕާޓީއަކަށް ވެގެންދާނެކަމަށް އެ ޕާޓީން އައީ ބުނަމުންނެވެ.

އަދި ޑިމޮކްރެޓްސްއިންވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކޮށް 3 ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީއަށް ވެފައެވެ. އެހެންނަމަވެސް މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބީއެއް ލިބިފައެއްނުވެއެވެ.

https://int.etukuri.mv/
tel:+9607331319