logo

ރާއްޖެ-އިންޑިއާ ސިޔާސީ ގުޅުމަށް 60 އަހަރު ފުރެނީ، ރައީސްގެ ދައުވަތު މޯދީއަށް!

profile

ޝާމާ ޝުޢައިބު - 07 އޮކްޓޯބަރު 2024 - 17:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި އެކު---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި އެކު---- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަކީ ރާއްޖެއާ އިންޑިއާ ސިޔާސީ ގުޅުން ގާއިމް ކުރިތާ 60 ވަނަ އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ އެކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތައް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތުއަރުވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުފުޅުގެ ތެރެއިން މިއަދު ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖެއާ އިންޑިއާގެ ދެމެދުގައިވާ ވަރުގަދަ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ، އަންނަ އަހަރު ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވާފައެވެ. އަދި އެ އުފާވެރި ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަތުމަށް ވެސް ރައީސް ދައުވަތުދެއްްވިއެވެ.

ރާއްޖޭގެ ތަރައްގީގެ އެންމެ އިސް އެއް ބައިވެރިއަކީ އިންޑިއާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުންތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެސް އިންޑިއާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއް މާކެޓަކީ ވެސް އިންޑިއާ ކަމަށެވެ. އަދި ވީހާވެސް ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އައުމަށް އެމަނިކުފާނު ދައުވަތުވަތު އެރުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ މެރިޓައިމް ސެކިއުރިޓީ ޑޮމައިންގައި ވެސް މުހިއްމު ހިއްސާދާރެއް ކަމަށެވެ. އަދި ތަފާތު އެކި ދާއިރާތަކުން އިންޑިއާގެ އެހީތެރިކަން ލިބެމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ގައުމުގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވެ ބަދަހިވެގެން ދާނެފަދަ ގޮތަކަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު، ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދަކާ އެކު ފެއްޓެވީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ މި ދަތުރުފުޅަށް ރައީސް މުއިއްޒު ފުރާވަޑައިގަތީ އާދަކާދައާ އެއްގޮތަށް ރާއްޖޭގެ ރައީސުން އެ ގައުމަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކަށް އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގައެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ރައީސް ވަޑައިގެން ވިޔަފާރީގެ މަޝްވަރާތައް ކުރައްވާނެއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅަށް ވުމެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވިއެވެ. ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ މީގެ 59 އަހަރު ކުރިން 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. އިންޑިޔާއަކީ 26 ޖުލައި 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިފަދަ ގުޅުމެއް ޤާއިމްކުރި ތިންވަނަ ޤައުމެވެ. އަނެއް ދެ ގައުމަކީ އިނގިރޭސިވިލާތާއި ސްރީލަންކާއެވެ.

https://int.etukuri.mv/
tel:+9607331319