.webp&w=3840&q=75)
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ - ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް

އައިޝަތު އިނާޝާ - 14 ޖެނުއަރީ 2026 - 11:55
ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އިންސާނީ ވަސީލަތް ތަރައްގީކުރުމެވެ. އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ކޮންމެ ދިވެއްސަކަށްވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ނަމަވެސް އެ ޙައްޤު ކަށަވަރުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން ނުލިބި އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދެއެވެ.
އޭގެ ތެރެއިން ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، ދިރިއުޅެމުންދާ ނިކަމެތި ހާލަތު ފާހަގަކޮށްލެވެއެވެ. ބޯހިޔާވަހިކަމުގެ ދަތި ކަމަކީ ގިނަ އިޖުތިމާއީ މައްސަލަތަކުގެ އެންމެ ބޮޑު އަސްލު ކަމަށް ވާއިރު، މިމައްސަލަ ހައްލު ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކުރެއެވެ. ވެރިކަމަށް އަންނައިރު މެނިފެސްޓޯގައި އެންމެ ބޮޑު އެއް ސިޔާސަތަކަށް ވަނީ މިމައްސަލައަށް ހައްލު ހޯދުމެވެ. ނަމަވެސް ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމާފައި ދާއިރު، ބޯހިޔާވަހިކަމަށް ފެންބޮވާގެންފައި ތިބި އެ ނިކަމެތި ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ނުލިބެއެވެ.
އުފަން މާލޭ ރައްޔިތުންގެ ތެރެއިން ވެސް ގިނައީ އަމިއްލަ ވަޒަނުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން ދިރިއުޅޭ އާއިލާތަކެވެ. ކުދިކުދި ތަންތަންކޮޅުގައި އެތައް އާއިލާއެއް އުޅެމުންދަނީ ނިކަމެތި، ހިތްދަތި ހާލުގައެވެ. މިއީ އެތައް ޒަމާނެއްވީ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިދިނުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ، އެމަނިކުފާނުގެ އެއް ރިޔާސީ ވައުދުފުޅެވެ. ރައީސްގެ އެ ވައުދުފުޅާއެކު، ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ސަރުކާރުން އަމާޒުހިފާފައިވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.
އެގޮތުގެމަތިން މާލޭގެ ރަށްވެހި ރައްޔިތުންނަށް މި ސަރުކާރުން އެންމެ ފުރަތަމަ ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަރު މާދަމާ ހުޅުވާލާނެއެވެ. "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ އެންމެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން އިއުލާނު ކުރީ، ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.
މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލު އާންމުކޮށްފައިވާއިރު، މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ޚާއްޞަ ކެޓަގަރީތައް ހިމެނެއެވެ. އެގޮތުން ސަރުކާރުގެ ސްކީމެއްގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ކެޓަގަރީއެއް މިފަހަރު ވަނީ ހިމަނާފައެވެ. އަދި ކުރިން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީ، ފްލެޓް ނުލިބުނު މީހުންގެ ކެޓަގަރީތައްވެސް ހިމެނެއެވެ.
ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.
ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށްހާއްސަކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ހާއްސަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާއި، ގޯތި ބަދަލު ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން މާލޭއަށް ހިޖުރަކުރަންޖެހެނީ ގިނަ ރަށްރަށުގައި ސިއްހީ ހިދުމަތް، ތައުލީމު، އަދި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި ނެތުމުންނެވެ. އެކި ކަންކޮޅުތަކުން މާލެއަށް ހިޖުރަކުރަން ޖެހުމުގެ ނަތީޖާއަކަށްވެފައިވަނީ މާލެއަކީ އިންތިހާއަށް ތޮއްޖެހިފައިވާ ބައިބޯ ތަނަކަށްވުމެވެ. ރަށްފުށުގެ ހިތްގައިމު ތަނަވަސް ބޮޑެތި ގޯތިތައް ދޫކޮށް އެ ރައްޔިތުން މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ކުދި ޖާގައިގައި ނުހަނު ހިތްދަތިކަމުގައެވެ. މިއަދު އެ ރައްޔިތުން ތިބީ އެ ހިތްދަތި ދިރިއުޅުމަށް ނިމުމެއް އަންނާނެ ކަމުގެ ފޮނި އިންތިޒާރުގައެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
4 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ބިންހިއްކުމުގެ 94 އިންސައްތަ މަސައްކަތް ނިމިއްޖެ
8 ގަޑިއިރު ކުރިން

ހަފްތާއެއްގެ ތެރޭގައި މާލެ، ބުރިޖު އަދި ހައިވޭގައި 67 އެކްސިޑެންޓު
9 ގަޑިއިރު ކުރިން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަމީހުން ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި
9 ގަޑިއިރު ކުރިން


