
މީޑިއާ ކޮމިޝަނުގެ ބައެއް މެންބަރުން---
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖިނާން ޙުސައިން ޖަބީން - 05 ނޮވެމްބަރު 2026 - 05:46
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައި މިވަނީ، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަރުޝަތު، ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފާއިތުވި އަހަރުގެ ތެރޭގައި އެކުލަވައިލި މި ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރަން ޖެހޭ ހަތަރު މެންބަރުންގެ މަގާމަށް އެ އަދަދަށް އެކަނި ބޭފުޅުން ކުރިމަތިލެއްވުމުން، އެ ބޭފުޅުން މަގާމަށް ހޮވިވަޑައިގަތީ ވޯޓަކާ ނުލައެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި، ޒަމްއަތު އަހުމަދު ވަހީދާއި، ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މި ކޮމިޝަނަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ފަރުޝަތުގެ އިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި، އެ ކޮމިޝަންގެ ކުރީގެ މެންބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
ގާނޫނުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުކަމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއެކު، ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ޕޮލިސީ މޭކިންގ ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ހަމައެއާއެކު، އެއްވެސް މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއް ކަމުގައި ނުވުމާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތަކަށް ނުވުން ހިމެނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ އިތުރުން، މީޑިއާ ނުވަތަ މުވާސަލާތީ ހިދުމަތްދޭ އެއްވެސް ވިޔަފާރިއެއްގެ މަސްލަހަތެއް ނުވަތަ ހިއްސާއެއް އޮވެގެން ނުވާނެއެވެ.
އަހުލާގީ އަދި ސުލޫކީ މިންގަނޑަށް ބަލާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް، އަދި ހިޔާނާތާއި ރިޝްވަތުގެ އެއްވެސް ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ ފަރާތަކަށް މި މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ. ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެވޭ މި ކޮމިޝަނުގެ މެންބަރަކަށް، ވިދިވިދިގެން ވިޔަސް ނުވަތަ ވަކިވަކިން ވިޔަސް ދެ ދައުރަށް ވުރެ އިތުރަށް މަގާމުގައި ދެމިހުރުމުގެ ފުރުސަތެއް ގާނޫނު ތަނެއް ނުދެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އިގުރާރު، ކުށާއި ދަރަނީގެ ރެކޯޑު ފޯމު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީތަކާއެކު، މި ހިނގާ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.




