
ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ރަޖިސްޓްރީގައި 15،000 އަށްވުރެ ގިނަ މީހުން

އާމިނަތު ޝަޒްލާ - 11 އޮކްޓޯބަރު 2026 - 12:41
ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15,885 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 6,710 އަންހެނުންނާއި 9,175 ފިރިހެނުންނެވެ. އޭގެ ތެރޭގައި ދާދި ފަހުން އަލަށް ރަޖިސްޓްރީވި 263 މީހުން ވެސް ހިމެނެއެވެ.
މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ އުމުރުފުރައަށް ބަލާއިރު:
- 19 އަހަރުން ދަށް: ޖުމްލަ 5,396 ކުދިން (1,659 އަންހެން ކުދިން އަދި 3,737 ފިރިހެން ކުދިން).
- 18 އަހަރާއި 64 އަހަރާ ދެމެދު: ޖުމްލަ 8,094 މީހުން (3,944 އަންހެނުން އަދި 4,150 ފިރިހެނުން).
- 65 އަހަރުން މަތި: ޖުމްލަ 2,395 މީހުން (1,107 އަންހެނުން އަދި 1,288 ފިރިހެނުން).
ނުކުޅުދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ޖިސްމާނީ ނުކުޅުދުންތެރިކަން ހުންނަ މީހުންނެވެ. އެއީ 4,270 މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ މަލްޓިޕަލް ޑިސްއެބިލިޓީ ނުވަތަ އެއް ނުކުޅުދުންތެރިކަމަށްވުރެ ގިނަ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 3,585 މީހުންނެވެ. މީގެ އިތުރުން ނަފްސާނީ ނުކުޅުދުންތެރިކަން ހުންނަ 2,626 މީހުން، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅުދުންތެރިކަން ހުންނަ 1,897 މީހުން، ވިސްނުމާއި ސިކުނޑީގެ ނުކުޅުދުންތެރިކަން ހުންނަ 1,812 މީހުން، ފެނުމުގެ ނުކުޅުދުންތެރިކަން ހުންނަ 1,043 މީހުން، އޯޓިޒަމް ހުންނަ 594 މީހުން އަދި އުނގެނުމުގެ ނުކުޅުދުންތެރިކަން ހުންނަ 61 މީހުން ހިމެނެއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 15,571 މީހަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން މާލީ އެހީގެ ގޮތުގައި 59,213,000 (ފަންސާސް ނުވަ މިލިއަން ދެ ލައްކަ ތޭރަހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ 157 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާގެ އެހީގެ ގޮތުގައި 4,834,087 (ހަތަރު މިލިއަން އަށް ލައްކަ ތިރީސް ހަތަރު ހާސް އަށްޑިހަ ހަތް) ރުފިޔާ ވަނީ ދީފައެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ އެހެނިހެން ޕްރޮގްރާމްތަކުގެ ތެރެއިން، ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 541 މީހަކަށް 1,082,000 (އެއް މިލިއަން އަށްޑިހަ ދެ ހާސް) ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި އަލަށް އެލަވަންސް ހަމަޖެހުނު 6 މީހުން ހިމެނެއެވެ.
މީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ ތެރެއިން 3,313 ފަރާތަކަށް އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީވި 31 ބެލެނިވެރިންނާއި 119 ކުދިން ހިމެނެއެވެ. މި އެހީގެ ދަށުން ޖުމްލަ 5,708 ކުދިންނަށް މާލީ އެހީގެ ގޮތުގައި 17,151,000 (ސަތާރަ މިލިއަން އެއް ލައްކަ ފަންސާސް އެއްހާސް) ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ އަހަރީ 7 ވަނަ ސިމްޕޯޒިއަމް އިފްތިތާހުކޮށްފި
10 ގަޑިއިރު ކުރިން

މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް!
10 ގަޑިއިރު ކުރިން

46 ވަނަ މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
10 ގަޑިއިރު ކުރިން

ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން


