
46 ވަނަ މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 11 އޮކްޓޯބަރު 2026 - 12:22
މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަފްލާގައި ދިނުމަށް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. މިގޮތުން ފުރުޞަތު ހުޅުވާލާފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ، މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އަދި ޢަމަލީގޮތުން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޭ "އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު" (35 އަހަރުން ދަށް) އަދި "އެންމެ ތަޖުރިބާކާރު ކެޔޮޅު" (35 އަހަރުން މަތި) ގެ އެވޯޑުގެ އިތުރުން، އާމްދަނީ ހޯދުމުގެ މައިގަނޑު ވަސީލަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދެވޭ "ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު" އަދި މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެ އާމްދަނީ ހޯދާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ "ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު" އެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް (www.fishagriocean.gov.mv) އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ފޯމު، 2026 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް (fisheriesmanagement@fishagriocean.gov.mv) މެދުވެރިކޮށް ހުށަހެޅުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ޞިނާޢަތަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމާއި ސަޤާފަތާ ގުޅިލާމެހިފައިވާ މުހިންމު މަސައްކަތެކެވެ. ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިފަދަ އެވޯޑުތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުފަޅުގެ ނަފާ ހޯދުމުގައި ދެމިތިބި ހީވާގި މަސްވެރިންނާއި، ޒުވާނުން އަދި މި ދާއިރާއަށް ނުކުންނަ އަންހެނުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ދާއިރާއަށް މީހުން ޝައުޤުވެރި ކުރުވުމެވެ.
ގުޅުން ހުރި ޙަބަރުތައް

ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ރަޖިސްޓްރީގައި 15،000 އަށްވުރެ ގިނަ މީހުން
10 ގަޑިއިރު ކުރިން

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ އަހަރީ 7 ވަނަ ސިމްޕޯޒިއަމް އިފްތިތާހުކޮށްފި
10 ގަޑިއިރު ކުރިން

މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް!
10 ގަޑިއިރު ކުރިން

ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން


