logo

ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް

profile

އާމިނަތު ޝަޒްލާ - 19 ސެޕްޓެމްބަރު 2026 - 14:31

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

https://wamco.com.mv/

މިކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން މި ދަރަނި އަދާކުރުމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުން މި ދަރަނި އަދާކުރުމާ ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެ ބޭންކުން ވަނީ ސާފުކޮށްދީފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވެސް އާންމުކޮށް ކަށަވަރުކޮށްދީފައިވާ ފަދައިން، 17 ސެޕްޓެމްބަރު ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ ތެރެއިން މީގެ ކުރިން ދެއްކި ދެ ފިޔަވައްސަށް ފަހު، އެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި ފައިސާއެވެ. ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައެއް ނުވެއެވެ.

ބީއެމްއެލް އޮތީ މާލީގޮތުން ވަރުގަދަކޮށް

ބީއެމްއެލް އިން ހާމަކުރި ގޮތުގައި އެ ބޭންކަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ އިތުބާރު ހުރި މާލީ އިދާރާއެކެވެ. ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި، ސަރުކާރުން އެސްބީއައި އަށް ޓީ-ބިލްގެ ފައިސާ ދެއްކުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތަކަށް ވާތީ ބޭންކުގެ ވަސީލަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުނެފައިވެއެވެ. އަދި ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބޭންކުން ވަނީ އަރުވާފައެވެ.

ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ އިލްތިމާސެއް

ގައުމުގެ މާލީ ނިޒާމާ ގުޅުންހުރި ކަންކަމުގައި އާންމުން ސުވާލުކުރުމާއި ބަހުސްކުރުމަކީ މުހިންމު ކަމެއް ކަމަށް ބީއެމްއެލް އިން ގަބޫލުކުރެއެވެ. ނަމަވެސް، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ކަސްޓަމަރުންގެ އިތުބާރާއި، ހިއްސާދާރުންގެ މަސްލަހަތާއި، މުޅި މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށްވާތީ، އެފަދަ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ބޭންކުން ބުންޏެވެ.

ހަގީގަތާ ޚިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގް ދާއިރާ އަދި ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތާއި ކަސްޓަމަރުންގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކެވުމުގެ ނުވަތަ ޝާއިއުކުރުމުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭންކާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުން

ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ ބޭންކުގެ އެންމެ ބޮޑު ޒިންމާ ކަމަށްވާއިރު، ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ބޭންކަށް ގެއްލުންވާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ސައްހަ މައުލޫމާތު ކަސްޓަމަރުންނާއި އާންމުންނަށް ފޯރުކޮށްދިނުމަށެވެ. އަދި ބީއެމްއެލް އަކީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ގޮތެއްގައި ހިންގަމުންދާ އަދި ދިވެހި އިގްތިސާދާއި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި އަބަދުވެސް ދެމިއޮންނާނެ ބޭންކެއް ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319