
ބިލިމަގު
ބިލިމަގެއް އެއްލައިނުލާތި

ޙުސައިން ފަޒީލް - 05 ޖޫން 2023 - 13:57
ބިލިމަގަކީ ދިވެހިންގެ މެދުގައި ވަރަށް އާންމު މޭވާއެކެވެ. މީހުން މާބޮޑު ސަމާލުކަމެއް ނުދޭ މި މޭވާގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. ޒަމާނުންސުރެ ދިވެހިން ، އަސާރަތައްޔާރުކުރުމާއި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހެދުމަށް ބިލިމަގު ބޭނުންކޮށް އުޅުނެވެ.
ބިލިމަގުގައި ގިނަ މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ. މީގެ އިތުރުން ވިޓަމިން އޭ އާއި ބީ އާއި މައުދަނުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑާއި ފޮސްފަރަސް އަދި ކެލްޝިއަމް ހުރެއެވެ. ބިލިމަގަކީ ވަރަށް ފަހަކާޖެހެންދެން ދުނިޔޭގެ ގިނަ ޤައުމު ތަކުގައި މާ މަޤްބޫލު މޭވާއެއް ނޫނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުގެ އަލީގައި ބިލިމަގުގައި ހުންނަ މާއްދާތައް ހޯދުނު ފަހުން، މި މޭވާއަށް މީހުންދޭ ސަމާލުކަން ވަނީ އިތުރުވެފައެވެ.
ބިލިމަގުގައި ހިމެނޭ ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓެކެވެ. އަދި މިނޫން އެންޓި އޮކްސިޑެންޓްތައް ވެސް ބިލިމަގުގައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްފައި ބެހެއްޓުމަކީ މުސްކުޅިވުން ލަސްވެ، އެކިބާވަތުގެ ކެންސަރުތަކަށް ހަށިގަނޑުން ހުށަހެޅުން ކުޑަކޮށްދޭނޭ ކަމެކެވެ.
ބިލިމަގަކީ ގިނަ އަދަދަކަށް ވިޓަމިން ސީ ހުންނަ މޭއަކަށްވާތީ ވަރަށް ގިނަ ބަލިތަކުން ރައްކާތެރިވުމަށާއި ރަނގަޅުވުމަށް ބިލިމަގު ބޭނުން ކުރެވިދާނެއެވެ. މިގޮތުން ބިލިމަގު ބޭނުން ކުރާނަމަ އަނިޔާތަކުން އުފެދޭ ފާރު ފަސޭހަ ކޮށްދެއެވެ. ދިފާއީ ބާރު ގަދަކޮށްދީ އަރިދަފުސް ރޯގާފަދަ ގައިން ގަޔަށް އަރާ ބަލިތަކުން އަވަހަށް ފަސޭހަ ކޮށްދެއެވެ. ބިލިމަގު ބޭނުން ކުރާ މީހުންގެ ދަރިފަނި ދުޅަހެޔޮކަންމަތީ ބަހައްޓައިދެއެވެ. އަދި ފުރަގަސް ފަރާތު ބަލި ހުންނަ މީހުންނަށް ބިލިމަގަކީ ބޭނުން ކުރަން ރަނގަޅު މޭވާއެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
ބިލިމަގު ގަހުގެ މޭވާގެ އިތުރުން ފަތާއި މުލާއި މަލުންވެސް އެކި ބޭނުންތައް ފުދެއެވެ. ބިލިމަގު ފަތުގެ ދިޔަ ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެއެވެ. ބިލިމަގު ފަތް ކައްކައިގެން އޭގެ ދިޔަ ފުރަގަސް ފަރާތް ދުޅަވުމުން އެ ދުޅަ ތިރިކުރުމަށް ބޭނުން ކުރެއެވެ. އަރިދަފުސް ރޯގާޖެހި މާގަދަޔަށް ކެއްސާނަމަ، ކެއްސުން ލުއި ކުރުމަށް ބިލިމަގު މަލުގެ ދިޔަ ބޭނުން ކުރެވިދާނެއެވެ. އިހުގައި ކޯފުއްފި ޖެހުމުން ބިލިމަގު ގަހުގެ ފަތް ޗިސްކޮށްގެން ކޮލުގައި އަޅައި އުޅުނެވެ. އަދި ހަމައެހެންމެ މި ފަތަކީ ރާއްޖޭބަލީގައި ހުޅުދުޅަވާ މީހުން، ދުޅަ ތިރި ކުރުމަށްވެސް ރަނގަޅު އެއްޗެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ގޮތުން ބިލިމަގު ގަހުގެ ފަތް ޗިސްކޮންގެން އެޅުމުން ދުޅަ ތިރިވާކަމަށް ދިވެހި ބޭސްވެރިން ބުނެއުޅެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
7 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
10 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
12 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
13 ގަޑިއިރު ކުރިން


