logo

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް

profile

އައިޝަތު އިނާޝާ - 07 ޑިސެމްބަރު 2025 - 14:32

ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

https://wamco.com.mv/

މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރާ އަދަދު ވަނީ އިތުރުކޮށްފައެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރާ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި، ޞިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ވަނީ ލިމިޓު ކަނޑައަޅާފައެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ދޭ ކަމަށެވެ. އެގޭ ތެރެއިން އެކަކު ބޭރު ގައުމަކަށް 100 އަށްވުރެ ގިނަ ކާޑު ގެންގޮސް، ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުން ކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުން ކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުންވެސް ހިމެނޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ، ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފު އަމަލެއް ކަމަށެވެ. މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށާއި އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ، އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ޚިލާފު މުޢާމަލާތްތަކެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ. އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި، އެފަދަ މާރޗެންޓުތަކުގައި މުޢާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް ބޭންކުން އަޅަން ޖެހިދާނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ބޭރު ފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރު ކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަންވެސް ބީއެމްއެލްއިން ފާހަގަކުރެެއެވެ.

އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ޤަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެވޭކަން ކަށަވަރު ކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހި ކުރުމަށް އަމިއްލަ ކާޑު، އެހެން ފަރާތްތަކުން ފައިދާ ނެގުމަށް ނުދިނުމަށް ބީއެމްއެލްއިން ވަނީ ޢިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay