
އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

އައިޝަތު އިނާޝާ - 07 ޑިސެމްބަރު 2025 - 13:19
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ފައިސާ ޖަމާކުރުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީއިން ބުނިގޮތުގައި މިއީ ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ.
27 ނޮވެމްބަރު 2025 އާ ހަމައަށް އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ޖަމާކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 އިންސައްތަ އިތުރުވުމެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. އެގޮތުން، ބަޖެޓްގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފައެވެ. އަދި އެމުއްދަތެއްގައި ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ ޚަރަދުތައްވެސް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ. ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމުލަ ވަނީ 42.0 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.6 ބިލިއަން ރުފިޔާ ނުވަތަ 13.2 އިންސައްތަ ދަށްވުމެކެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ޚަރަދުތައް ވެސް ހިމެނޭ ކެޕިޓަލް ޚަރަދުތައް ވަނީ 2024 ވަނަ އަހަރުގެ އެމުއްދަތަށްވުރެ ދަށްވެފައެވެ. މިއީ މަޝްރޫޢުތައް ރަނގަޅަށް ތަރުތީބުކޮށް އިސްކަންދިނުން ރަނގަޅުވުމުގެ ނަތީޖާއެކެވެ. ރިކަރަންޓް ޚަރަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން 30.8 ބިލިއަން ރުފިޔާއިން 31.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 440.0 މިލިއަން ރުފިޔާ ނުވަތަ 1.4 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރެއިން މުސާރަ، އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ވަނީ 12.41 ބިލިއަން ރުފިޔާއިން 12.92 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 516.0 މިލިއަން ރުފިޔާ ނުވަތަ 4.2 އިންސައްތަ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ 1 ނޮވެމްބަރު 2025 އިން ފެށިގެން ގިނަ ދާއިރާތަކެއްގެ ޕޭ-ހާމަނައިޒޭޝަން ސިޔާސަތު ތަންފީޒްކުރަން ފެށުމެވެ.
ފާއިތުވި ހަފްތާގެ މާލީ ރިޕޯޓުން ދައްކައިދެނީ، ސަރުކާރުން މާލީ ހަރުދަނާކުރުމާއި، މުސާރަ އަދި ޚިދުމަތުގެ އިސްލާޙުތަކާއި، ގައުމީ ތަރައްޤީއަށް އިންވެސްޓްކުރުމުގެ މަޤްޞަދުތައް ކާމިޔާބުކަމާއެކު ހަމަޖައްސަމުން އަންނަ ކަމެވެ. ޖީ.އެސް.ޓީ، ޚާއްޞަކޮށް ޓީ-ޖީ.އެސް.ޓީއިން ބޮޑު ކުރިއެރުމެއް ލިބުމާއި، ބިމާ ގުޅުންހުރި އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވޭ ފައިސާ އިތުރުވުމަކީ، މާލީ ހާލަތު އިތުރަށް ހަރުދަނާވެފައިވާކަން ދައްކައިދޭ ކަންކަމެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
4 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
7 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
9 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
9 ގަޑިއިރު ކުރިން


