logo
ނައިބު ރައީސް  އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު / ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު / ފޮޓޯ: ރައީސް އޮފީސް

ދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 17 ޑިސެމްބަރު 2025 - 11:48

ދިވެހިން އެދޭ އެދުމަކީ މި އަހަރުގެ ސެންޓްރަލް އޭޝިއާ ވޮލީ ބޯލް އެސޯސިއޭޝަން (ކާވާ) ކަޕް މުބާރާތުގެ ތަށި ގެނައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެ މަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 20 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ކާވާ ކަޕް ފޮރ ވިމެން 2025" ގެ ޖަރޒީ ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއި ހަވާލުކޮށްދެއްވުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ޖަރޒީތައް ޙަވާލުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީމުގެ އެންމެހާ ކުޅުންތެރިންގެ ހުނަރަށް ތަޢުރީފުކުރައްވައި، އެ ކުޅުންތެރިންނަށް ހިތްވަރުދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓުކޮށްދެއްވުމަށް އެ މަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިދިޔަ އަހަރު ކާވާ ކަޕްގައި ދިވެހި ޓީމުން ކުޅުނު ގިނަ އަދަދެއްގެ މެޗުތަކެއް ބައްލަވާލެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވިއެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ޓީމުން ދެއްކި ހިތްވަރުގަދަ މޮޅު ކުޅުން ބައްލަވައިލެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެ ކުޅުންތެރިން ދެއްކި އާދަޔާ ޚިލާފު ހުނަރުވެރި ކުޅުމަކީ ދިވެހިންނަށް މިހާރު މިފަދަ މުބާރާތެއްގައި ތަށި ހައްޤުވާ މިންވަރުގެ ކުޅުމެއްކަމުގައި ވިދާޅުވެ، މި އަހަރުގެ މި މުބާރާތުގައި ދިވެހިން އެދޭ އެދުމަކީ އެފަދަ މޮޅު ކުޅުމެއް ދައްކައި، ތަށި ގެނައުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ކަމަށާއި މިކަމުގައި ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް އެސޯސިއޭޝަނަށް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖޭގައި ވޮލީ ތަރައްޤީކޮށް، ކުރިއެރުވުމަށްޓަކައި އަދި އިތުރު ޒުވާން ކުޅުންތެރިން މިކުޅިވަރުގެ ތެރެއަށް ޝައުގުވެރިކޮށް، ހުނަރުވެރި ކުޅުންތެރިން ހޯދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހަކުވެސް ވޮލީކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅުމާއި އަދި ކުޅުންތެރިން އުފެއްދުމަށްޓަކައި ދޭންޖެހޭ ސަޕޯޓު އެކިއެކި ޖަމިއްޔާތައް މެދުވެރިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay