logo

ކެފޭއެއްގައި އިންދާ މެއަށް ތަދެއް އަރައިގެން، ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެއްޖެ

profile

ޒިދާން މުޙައްމަދު - 28 ނޮވެމްބަރު 2024 - 17:29

އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލް

މާލޭގެ ހެންވޭރު އާޓިފިޝަލް ބީޗް ކައިރީ ހުރި ކެފޭއެއްގައި އިންދާ މެއަށް ތަދެއް އަރައި ހާލު ދެރަވި މީހަކު، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނީ، މިއަދު 8:56 ހާއިރު އާޓިފިޝަލް ބީޗް ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު، ފުލުހުންގެ އެހީތެރިކަމުގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ފަހުން ފޮނުވި މެސެޖެއްގައި ބުނީ ނިޔާވީ ކެފޭއަކުން ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށާއި މަގުމައްޗަށް ވެއްޓިފައި ވަނިކޮށް ކަމަށް ބުނެވުނީ އެ ވަގުތު ލިބުނު ގޯސް މައުލޫމާތެއްގެ ސަބަބުން ކަމަށެވެ.

އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް 10:03 ހާއިރު އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

ނިޔާވެފައިވަނީ ސ. ހިތަދޫ، ސޯސަންގެ، އަޙުމަދު ޝަރީފް (53 އަހަރު) އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެޑިޓަރުގެ ނޯޓު: މި ޚަބަރު ރިވައިސް ކުރުމުގެ ކުރިން މަގުމައްޗަށް ވެއްޓުނު މީހަކު ކަމަށް ލިޔެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުރަތަމަ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

https://wamco.com.mv/
tel:+9607331319