
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ސީޕީ ބާރުއަޅުއްވައިފި

އާމިނަތު ޝަޒްލާ - 18 ނޮވެމްބަރު 2026 - 12:22
ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބާރުއަޅުއްވައިފިއެވެ.
ކޮމިޝަނަރ މިކަމަށް ބާރުއެޅުއްވީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު މިއަދު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމަކީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމުގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލަސްވުންތައް ކުޑަކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ތަހުގީގުކުރާ އެކި ބަހާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.
މީގެއިތުރުން، މައްސަލަ ހުށަހަޅާ ފަރާތްތަކަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ތަހުގީގު ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައިވެސް އެފަދަ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި އަދި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ބާރުއެޅުއްވިއެވެ.
ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު އެފަދަ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ކޮމިޝަނަރ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް އެދިލެއްވިއެވެ. ހަމައެއާއެކު، ތަހުގީގުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި، އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއެކު، ކޮންމެ ފަންތިއެއްގައިވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށްވެސް ކޮމިޝަނަރ ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަނަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ހާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ބަހާއެވެ. މި ކޮމާންޑުގެ ދަށުން ފައިނޭންޝަލް އެނަލިޓިކްސް، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންސް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އަދި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ސަޕޯޓް ފަދަ މުހިންމު ދާއިރާތަކުގެ މަސައްކަތްތައް ކުރިއަށްގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެއާއި ހުޅުމާލޭގައި ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު ހުޅުވައިފި
ގަޑިއިރެއް ކުރިން

ފެންނަ ނުފެންނަ ވޯޓަކާއި ނުލާ ރިއަލް އެސްޓޭޓްބިލް ފާހެއް ނުކުރެވޭނެ: އަލީ ހުސެއިން
ގަޑިއިރެއް ކުރިން

މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ޖެހޭ މިންވަރު ދަނީ އިތުރުވަމުން: އެޗްޕީއޭ
ގަޑިއިރެއް ކުރިން

އީރާނުން ކުވެއިތާއި ބަހްރައިނަށް ދޭ ހަމަލާތައް ގަތަރުން ކުށްވެރިކޮށްފި
ގަޑިއިރެއް ކުރިން


