
ބަޙްރައިނުގެ ސަރަޙައްދަކަށް އީރާނުން ދީފައިވާ ހަމަލާއެއް، ފޮޓޯ: ސަނާ ސީރިއާ އަރަބް ނިއުސް އެޖެންސީ
އީރާނުން ކުވެއިތާއި ބަހްރައިނަށް ދޭ ހަމަލާތައް ގަތަރުން ކުށްވެރިކޮށްފި

އާމިނަތު ޝަޒްލާ - 18 ނޮވެމްބަރު 2026 - 12:20
އަޚުވަންތަ ކުވައިތާއި ބަޙްރައިނުގެ ސަރަޙައްދުތަކަށް އީރާނު އިސްލާމީ ޖުމްހޫރިއްޔާއިން އަލުން ދޭންފެށި އުދުވާނީ ޙަމަލާތައް ޤަޠަރު ދައުލަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
"ގަލްފް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ މި ޢަމަލުތަކަކީ ކުވައިތާއި ބަޙްރައިނުގެ ސިޔާދަތާއި އިސްތިޤްލާލަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ. ގެ މަންޝޫރާއި އަދި އަވަށްޓެރިކަމުގެ ރީތި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ނުރައްކާތެރި ޙަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދިއުމަކީ ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެކެވެ. އަދި މިއީ މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ކުރެވެމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތަކަށް ބުރޫއަރައި، ސަރަޙައްދުގެ އަމަންއަމާންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، އަވަށްޓެރި ޤައުމުތަކުގެ ޙައްޤުތަކާއި އުސޫލުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް ޤަޠަރުން ވަނީ ގޮވާލާފައެވެ. އަދި މައްސަލަތައް ޙައްލުކުރުމުގައި މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ޚާރިޖީ ޙައްލުތަކަށް އިސްކަންދިނުމަށާއި، މި ނުތަނަވަސްކަން އިތުރަށް ބޮޑުވެ މުޅި ސަރަޙައްދަށް ފެތުރިގެން ދިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަންވެސް އެ ޤައުމުން ފާހަގަކުރިއެވެ.
މީގެއިތުރުން، މި ދަނޑިވަޅުގައި ޤަޠަރު ދައުލަތުން ވަނީ އަވަށްޓެރި ކުވައިތާއި ބަޙްރައިނާއެކު ފުރިހަމަ އެއްބައިވަންތަކަމުގައި ސާބިތުވެ އޮތްކަން ހާމަކޮށްފައެވެ. އަދި އެ ދެ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ޤައުމުތަކުން އަޅާ ކޮންމެ ފިޔަވަޅަކަށް ޤަޠަރުގެ ފުރިހަމަ ތާއީދު އޮންނާނެކަން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.
ގަލްފުގެ ސަރަޙައްދަކީ ޒަމާނުއްސުރެ ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި ނުތަނަވަސްކަންތައްތަކެއް ހިނގަމުންދާ ސަރަޙައްދެކެވެ. ޚާއްޞަކޮށް ޢަރަބި ގަލްފުގެ ޤައުމުތަކާއި އީރާނާ ދެމެދު އޮންނަ ގުޅުމުގައި އިމުގެ މައްސަލަތަކާއި، ކަނޑުގެ ސަރަޙައްދުތަކުގެ ސަލާމަތާ ގުޅޭގޮތުން އަބަދުވެސް ޚިޔާލުތަފާތުވުންތައް އުފެދެއެވެ. ފަހަކަށް އައިސް އީރާނުން ސަރަޙައްދީ ބާރު ގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އަވަށްޓެރި ޤައުމުތަކުގެ ސިޔާދަތަށް އަރައިގަތުމުގެ ސަބަބުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ޤައުމުތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައެވެ. ޤަޠަރުން މިފަދަ ހަރުދަނާ ސްޓޭންޑެއް މި ނެގީ، ޖީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައިދީ، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ހޯދުމުގެ މަޤްޞަދުގައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެއާއި ހުޅުމާލޭގައި ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު ހުޅުވައިފި
ގަޑިއިރެއް ކުރިން

ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ސީޕީ ބާރުއަޅުއްވައިފި
ގަޑިއިރެއް ކުރިން

ފެންނަ ނުފެންނަ ވޯޓަކާއި ނުލާ ރިއަލް އެސްޓޭޓްބިލް ފާހެއް ނުކުރެވޭނެ: އަލީ ހުސެއިން
ގަޑިއިރެއް ކުރިން

މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ޖެހޭ މިންވަރު ދަނީ އިތުރުވަމުން: އެޗްޕީއޭ
ގަޑިއިރެއް ކުރިން


