
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ
ޚާލިދާ އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ފޮނުއްވައިފި

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 07:52
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ޚާލިދާ ޒިޔާ އަވަހާރަކީ ސިއްހީ ގިނަ މައްސަލަތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނުއެވެ.
ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވިއެވެ.
ޚާލިދާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވާފައެވެ.
ހާލިދާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ. އެއީ 1991 އިން 1996 އަށް ފުރަތަމަ ޓާމު އަދި 2001 އިން 2006 އަށް ދެވަނަ ޓާމެވެ.
ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) ބުނެފައިވަނީ ޚާލިދާ އަވަހާރަވެފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ.
ބީއެމްޕީ އިން ވަނީ ހާލިދާ އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.





