
ރޯދަ މަހަށް ބޭރުގެ ހާފިޒުން ގެނައުމަށް ވިސާއަށް އެދެން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 07:52
މިއަންނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީހް ނަމާދު ކުރުމަށް، ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަަށް ވިސާއަށް އެދެން ހުޅުވާލައިފިއެވެ.
އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ޙާފިޡުން ގެނައުމަަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ މީހުންނަށް ޙާފިޡުން ގެނައުމަށް މިހާރު ވިސާއަށް ހުށަހެޅޭނެ ކަމަށެވެ.
ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ލިޔެކިޔުންތަކާއެކު މިހާރު އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
ހާފިޒުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ސްޕެޝަލް ވިސާ ދޫކުރެވޭ ހާފިޒުންނާއި ގާރީން ރާއްޖެ ވަޑައިގަންނަވާއިރު، އެފަރާތްތަކުގެ އާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސާޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ރަމަޟާން މަހު މިސްކިތްތަކުގައި ނަމާދުކުރަން ގެންނަ ހާފިޒުންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން ސްޕޮންސަރޝިޕް ޑެކްލެރޭޝަނަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެއެވެ.





