logo
ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނު އިސްލާހު ކުރަން ރައީސް ނިންމަވައިފި

profile

މުޙައްމަދު ފަޟްލޫން - 10 ޑިސެމްބަރު 2025 - 10:15

ޖުވާ ކުޅުމާއި ޖުވާ ކުޅޭތަންތަން ހިންގުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

އޮންލައިން ޕްލެޓްފޯމް ތަކުގައްޔާއި މީސް މީޑިއާގެ ތަފާތު އެކި ވަސީލަތްތައް މެދުވެރިކޮށް ޖުވާ ކުޅުން ވަނީ އާއްމު ވެފައެވެ.

ޖުވާ އަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ.

ޖުވާ ކުޅުމަކީ އެކަމުގެ ސަބަބުން އެކަން ކުރާ މީހާ އާއި މުޖުތަމައު އަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމުން އެކަމުން ދުރުހެލިވެ ތިބުމަށް ހުކުރު ހުތުބާގައި ވެސް އެތައް ފަހަރަކު ވަނީ ހަނދާންކޮށްދީފައެވެ.

ދާދި ފަހުން ސަރުކާރުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅޭގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކޮށްފައެވެ.

އެގާނޫނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދައި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

މީގެ އިތުރުން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށް ވޭޕް ބޭނުންކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

ވޭޕް މަނާ ކޮށް ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުން ކަމަށެވެ.

މުޖުތަމައުގައި ހުރި ނޭދެވޭ މައްސަލަތަކަށް ހައްލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެފަދަ މައްސަލަތައް ހައްލު ކުރެވޭނީ ހުރިހާ ރައްޔިތުން ގުޅިގެން އެއްރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay