logo
ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..

ކޮޕާ ޑެލަރޭ: ފަސޭހަކަމާއެކު ބާސެލޯނާ ބަލިކޮށް އެތްލެޓިކޯ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

profile

ހަސަން ޝަމްއޫން - 13 ފެބްރުއަރީ 2026 - 06:37

ކޮޕާ ޑެލަރޭ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން އެތްލެޓިކޯ މެޑްރިޑް ޖާގަހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކުރުމަށްފަހު އެވެ. އަދި ބާސެލޯނާ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ދެވަނަ ޑިވިޝަންގެ އަލްބަސޭޓޭ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެތްލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ހޯދާފައެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެތްލެޓިކޯ މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެންޓޮއިން ގްރިޒްމަން ކާމިޔާބުކުރިއިރު އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް އަޑެމޮލާ ލުކްމަން އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 52 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި ފަހުހާފުގެ 85 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ބާސެލޯނާގެ ދަނޑުގައި މިދެޓީމު ކުޅޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk