
މޯލްޑިވް ގޭހުގެ ގޭސްފުޅިތަކެއް---
މޯލްޑިވް ގޭހުން ސިލިންޑަރުތަކަށް ގޭސް އަޅައިދޭ މިންވަރު ކޮންޓްރޯލްކޮށްފި

ޖިނާން ޙުސައިން ޖަބީން - 04 ނޮވެމްބަރު 2026 - 15:14
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އިންތިހާއަށް އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެން، ސިލިންޑަރުތަކަށް ގޭސް އަޅައިދޭ މިންވަރު މޯލްޑިވްސް ގޭހުން ކޮންޓްރޯލްކޮށްފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ގޭހުން ހާމަކޮށްފައިވާ ގޮތުގައި، މި ހިނގާ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާނެއެވެ. މި ބަދަލާއެކު ދެން ކޮންމެ ސިލިންޑަރަކަށްވެސް ގޭސް އަޅައިދޭނީ ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ. އެގޮތުން:
- 10 ކިލޯގެ ސިލިންޑަރަކަށް އެޅުމަށް ހަމަޖެހިފައިވަނީ 7 ކިލޯގެ ގޭހެވެ.
- 22 ކިލޯގެ ސިލިންޑަރަކަށް އެޅުމަށް ހަމަޖެހިފައިވަނީ 14 ކިލޯގެ ގޭހެވެ.
- 45 ކިލޯގެ ސިލިންޑަރަކަށް އެޅުމަށް ހަމަޖެހިފައިވަނީ 31 ކިލޯގެ ގޭހެވެ.
ސިލިންޑަރުތަކަށް ގޭސް އަޅައިދޭ މިންވަރު މަދުކުރި ނަމަވެސް، ކަސްޓަމަރުންގެ އަތުން އަގު ނަގާނީ ސިލިންޑަރަށް އެޅުނު ގޭހުގެ ސީދާ ބަރުދަނަށް ބަލައި، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިފައިވަނީ، އެމެރިކާއާއި އިޒުރޭލުން ގުޅިގެން މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ސަޕްލައިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މިއަހަރުގެ ކުރީކޮޅުވެސް ގޭސް ލިބުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން، ސިލިންޑަރުތަކަށް ގޭސް އަޅައިދޭ މިންވަރަށް މޯލްޑިވްސް ގޭހުން މިފަދަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.




