logo

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު މަސް ބޭރުކުރި މިންވަރު 62 އިންސައްތަ ދަށްވެއްޖެ

profile

އާމިނަތު ޝަޒްލާ - 01 އޯގަސްޓު 2026 - 13:44

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

https://wamco.com.mv/

އެމް.އެމް.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީން ޖޫންގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 16,991 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނާ އަޅާބަލާއިރު 62 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. މިގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 13,083 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި މަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު ބޭރުކުރި 40,659 މެޓްރިކް ޓަނާ އަޅާބަލާއިރު 67 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރެއިންވެސް އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި އަދި ތާޒާ ކަޅުބިލަމަހެވެ. އެ ބާވަތުގެ 10,603 މެޓްރިކް ޓަނު ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 70 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.

މަހުގެ އެހެނިހެން ބާވަތްތަކަށް ބަލާއިރު، ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަހު 2,702 މެޓްރިކް ޓަނުގެ މަސްދަޅު ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައިވަނީ 3,056 މެޓްރިކް ޓަނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭރުކުރި މަހުގެ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން ދަށްވުމެވެ. މަސްވެރިކަން ދަށްވި ނަމަވެސް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު ވަނީ މަތިކޮށްފައެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ކަޅުބިލަމަސް ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް، މިހާރު މަސް ގަންނަ އަގު ވަނީ ކިލޯއަކަށް 20 ރުފިޔާއަށް އުފުލިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk